28 Oct 2014, 11:16
މަޖީދީމަގުގައި އިންދާފައިވާ ފެންފޯއްރުއްތައް ކަނޑާލި މައްސަލައާ ގުޅޭ ތަފްސީލީ މައުލޫމާތު ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލޭ ސިޓީ ކައުންސިލަށް ދެއްވައިފި އެވެ.
މާލޭ ސިޓީ ކައުންސިލަށް އެ މައުލޫމާތު ދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މައުލޫމާތު ސިޓީ ކައުންސިލަށް އެމަނިކުފާނު ދެއްވީ ފެންފޯއްރުއްތައް ކަނޑާލި މައްސަލަ އެ ކައުންސިލުން ތަހުގީގުކުރަމުން ދާތީ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ފެންފޯއްރުއްތައް ކަނޑާލާފައި ވަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ގައި މަސައްކަތްކުރާ ދެ ފުލުހަކު ކަމަށާއި އެ ދެ ފުލުހުން އެކަންކޮށްފައި ވަނީ މޫނުނިވާކޮށްގެންތިބެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އޭގެތެރެއިން އެއް ފުލުހެއްގެނަން މީޑިއާއަށް ހިއްސާކުރައްވާފައެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މާލޭ މަގުތަކުގައި މޫނުނިވާކޮށްގެން ތޫނު ހަތިޔާރު ހިފައިގެން ބަޔަކު އުޅޭކަމުގެ މެސެޖުތައް ޕޮލިސް ރޭޑިއޯ އިން ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެރޭ ގާތްގަނޑަކަށް 3:00 ގައި މަޖީދީމަގު މާފަންނު ސަހަރާއާ ހިސާބުން މާފަންނު ޕޮލިސްޓޭޝަންގައި ދުއްވާ ކާރު، މޫނުނިވާކޮށްގެން ކަތިވަޅިއެއް ޒާތުގެ ހަތިޔާރެއް ގެންގުޅުނު ދެ މީހަކު އަރާތިބި ސައިކަލެއްގައި ކާރުން ޖައްސައި ވައްޓާލައި އެ ދެ މީހުން ހައްޔަރުކޮށް ފުރަގަހަށް ބިޑިއަޅުވާފައިވާ ކަމަށެވެ. އަދި އެ ދެ ފުލުހުން ހައްޔަރު ކުރި މާފަންނު ޕޮލިސްޓޭޝަންގެ ޝިފްޓު 'އޭ'ގައި މަސައްކަތްކުރާ ދެ ފުލުހުން ކަމަށް ވިދާޅުވެ އެ ދެ ފުލުހުންގެ ނަން ވެސް ނަޝީދު ވަނީ މީޑިއާއަށް ހިއްސާ ކުރައްވާފައެވެ.
އެ ދެ މީހުން ހައްޔަރުކޮށް ކޮމާންޑު ސެންޓަރުގެ ޑިއުޓީ އޮފިސަރަށް މައުލޫމާތު ދެމުންދަނިކޮށް އެސްއޯގެ އިސް ފުލުހަކު އެސްއޯގެ ވެހިކަލަށް އެ ދެ ފުލުހުން އެރުވުމަށް އެންގި ކަމަށާއި އަދި އެވަގުތު އިތުރު ދެ ފުލުހަކު އެތަނަށްގޮސް ޑިއުޓީ އޮފިސަރަށް ގުޅައި އެކަމާ ހިތްހަމަނުޖެހިގެން ވާހަކަދައްކާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެ ދެ މީހުން އެސްއޯގެ ވެހިކަލަށް އަރުވައިގެން ގެންދިޔަތަން ފެނުމުން ދެ ފުލުހަކު އެ ވެހިކަލްގެ ފަހަތުން ދިޔަ ކަމަށާއި އެ ދެ ފުލުހުންނަށް ވެސް ފެނުނީ ހައްޔަރު ކުރި ދެ މީހުންނާއެކު އިސްކަންދަރު ކޮއްޓަށް ވަންތަންކަމަށެވެ.
ފެންފޯއްރުއްތައް ކަނޑާލި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގައި މިހާރު ވަނީ ރަޖިސްޓްރީކޮށްފައި ކަމަށާއި ނަމަވެސް އެކަމާ ބެހޭ މައުލޫމާތު ކިޔައިދިނުމަށް އެންމެ ފުލުހަކު ފިޔަވައި އެހެން އެންމެންތިބީ ބިރުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފެންފޯއް ރުއްތައް ކަނޑާލީ ފުލުހުން ކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ވާހަތައް ފަތުރަމުން ގެންދާތީ، އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.