ޅ. ނައިފަރުގައި އަލަށް ހަދަން ފަށާފައިވާ ބަނދަރުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނައިފަރުގެ އާ ބަނދަރުގެ މަސައްކަތް ޑިސެމްބަރު މަހުގެ ދިހައެއް ހާ ހިސާބުގައި ނިމޭނެ ކަމަށެވެ.

"ޑިސެމްބަރު 10 އަކަށް މުޅިން އަލަށް ހަދަމުންދާ ބަނދަރުގެ މަސައްކަތް ނިންމުމަށް މިނިސްޓްރީން ވަރަށް އިސް ކަމެއް ދެން. އަދި އެމްޓީސީސީގެ ފަރާތުން މަސައްކަތުގައި މަޑު ޖެހުމެއް އުޅޭ ކަމުގައި ވާނަމަ އެކަންތައްވެސް އަޅުގަނޑުމެން ބަލައި އެކަން ނިންމާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އއ ހިމަންދޫގެ ބަނދަރުގެ މަސައްކަތް ގޮސްފައި އޮތް ހިސާބާ މެދު މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި އެ ޕްރޮޖެކްޓް ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑަށް މިދިޔަ އޯގަސްޓު މަހުގައި ފޮނުވާފައިވާ ކަމަށެވެ.

ސުނާމީއަށްފަހު މާލޭ އުތުރު ފަރާތު ފަޅުތެރޭގައި ޖަހާފައި ހުރި ސީޓު ބަރި ހަލާކުވުމާ ގުޅިގެން ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަސައްކަތް ފެށުމަށްޓަކައި ޖަޕާނު ސަރުކާރާ ވާހަކަ ދެކެވެމުން ދާ ކަމަށެވެ.

މެމްބަރުން ބޭނުން ކަމުގައި ވާނަމަ މިނިސްޓްރީގެ މަސައްކަތް ތަކުގެ ޕްރެޒެންޓޭޝަނެއް ދައްކަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.