މޯލްޑިވިސް ނެޝަނަލް ބްރޮޑްކާސްޓިން ކޯޕްރޭޝަން ]އެމްއެންބީސީން[ "ޓީވީއެމް" އާއި "ދިވެހި ރާއްޖޭގެ އަޑުގެ" އިމާރާތް މޯލްޑިވިސް ބްރޮޑްކާސްޓިން ކޯޕްރޭޝަން ]އެމްބީސީ[ އަށް ދީފައިނުވާތީ، އެ ކުންފުނީގެ އޮފީސް ހިންގާނެ އިމާރާތެއް ކުއްޔަށް ހިފުމަށް އެމްބީސީން އިއުލާނު ކޮށްފި އެވެ.

އެމްބީސީގެ ޗެއާމަން އިބުރާހިމް އުމަރު މަނިކު މިއަދު ވިދާޅުވީ، މިހާރު ވެސް އެމްބީސީން ކުރަން ބޭނުންވާ އެތައް ބައިވަރު މަސައްކަތްތަކެއް ނުކުރެވި ހުއްޓުމަކަށް އައިސްފައި ވަނީ އޮފީސް ހިންގާނެ އިމާރާތެއް ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ އިމާރާތެއް ކުއްޔަށް ހިފަން އިއުލާނު ކުރީ އެކަން ކުރުމަށް ބަޖެޓު ލިބުމުން ކަމަށެވެ.

އަދި އޭނާ ވިދާޅުވީ، އެމްބީސީގެ ގާނޫނުން އެ ކުންފުންޏަށް ހައްގުވާ ދެ އިމާރާތް ކަމުގައިވާ "ދިވެހި ރާއްޖެގެ އަޑު" އަދި "ޓީވީއެމް" އިމާރާތަށް ނުވަދެވުނަސް އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގާނޫނުގައި ބުނާ ދެ އިމާރާތަށް ނުވަދެވުނަސް އަޅުގަނޑުމެންވެސް ކުރަން ބޭނުންވާ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑުމެންގެ މަސައްކަތްތައް ގެންދެވެން އޮތް ގޮތަކުން ކުރިއަށް ގެންދާނަން. މީގެ ކުރިން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ އެކި ތަންތާގައި. އެހެން ނަމަވެސް މިހާރު ބަޖެޓު ލިބުނީމަ އަޅުގަނޑުމެން އޮފީސް ހިނގާނެ އިމާރާތެއް ހޯދުމަށް ގެޒެޓުގައި މި އިއުލާނު ކުރީ،" އިބްރާހިމް މަނިކު ވިދާޅުވި އެވެ.

އެމްބީސީގެ އޮފީހެއް ނެތުމުގެ ސަބަބުން މިހާރު ކުރެވޭހާ ވެސް މަސައްކަތަކީ އެ ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ބާއްވާލުން ކަމަށާއި ބޯޑުގެ ބައްދަލުވުން ވެސް ބާއްވަން ޖެހެނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީއާ އެކު އެފަދަ މީހެއްގެ އޮފީހުގައި ކަމަށް އިބްރާހިމް މަނިކު ވިދާޅުވި އެވެ.
"މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަންވެފައި އޮފީހެއް ނެތުމުން ނުކުރެވި އެބަހުރި. މިހާރު ކުރެވޭހާ ވެސް ކަމަކީ ބޯޑު ބައްދަލުވުމެއް ބާއްވާލުން ފަދަ ކަންތައްތައް."

އެމްބީސީގެ ގާނޫނު ދަށުން ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމްގެ މުދަލާއި ފައިސާ އާއި މުވައްޒަފުން އެކުންފުންޏަށް ލިބެން ޖެހޭނެ އެވެ.

ނަމަވެސް ރައީސް އެކުލަވާލައްވާފައިވާ އެމްއެންބީސީން ވަނީ، ދައުލަތުގެ މީޑިއާ ރީބްރޭންޑްކުރުމުގެ ނަމުގައި ޓީވީއެމްގެ ނަން އެމްއެންބީސީ ވަން އަދި ދިވެހި ރާއްޖޭގެ އަޑުގެ ނަން ރާއްޖެ ރޭޑިއޯއަށް ބަދަލުކޮށް، އެ ދެތަން އެމްބީސީއާ ހަވާލުނުކޮށް ހިފަހައްޓައިފަ އެވެ.

މި އަހަރުގެ ބަޖެޓު ކަނޑައެޅިއިރު ރައްޔިތުންގެ މަޖިލީހުން ވަނީ އެމްބީސީ ފިޔަވައި، ދައުލަތުގެ މީޑީޔާ ހިންގުމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފަރާތަކަށް އެއްވެސް ފައިސާއެއް ނުދޭ ގޮތަށް ނިންމާ، އެމްއެންބީސީ އަށް އެއްވެސް ފައިސާއެއް ނުދިނުމަށް ފާސްކޮށްފަ އެވެ.

އެމްބީސީގެ ބަޖެޓްގެ ގޮތުގައި 95 މިލިޔަން ރުފިޔާ މި އަހަރުގެ ދައުލަތުގެ ބަޖެތުގައި ހިމަނާފައިވެ އެވެ.