ދިރާގު ދިވެހި ލީގު ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ޓީސީގެ މައްޗަށް ބީޖީ ސްޕޯޓްސް އިން ކުރިހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ފަހަތުން އަރައި ޓީސީގެ މައްޗަށް ބީޖީ އިންކުރިހޯދީ 3-2 ންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ދެ ލަނޑު ޖެހީ ޓީސީ ސްޕޯޓްސް އިންނެވެ. ފުރަތަމަ ވިހި މިނެޓް ތެރޭ މި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފައިސަލް މުސްތަފާ އެވެ. ފައިސަލްގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ މިނިޓުގައި ފެނުނު އިރު އޭނާ ދެވަނަ ލަނޑު ޖެހީ 16 ވަނަ މިނިޓުގައެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބީޖީ އިންވަނީ މިޑްފީލްޑާ އާދަމް ފަޒީހު ޖެހި ލަނޑުން ފަރަގު ކުޑަކޮށްފައެވެ. އަދި ދެވަނަ ހާފުގެ 66 ވަނަ މިނިޓުގައި ބީޖީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު އައްޒާމެވެ. އައްޒާމް ލަނޑުޖެހިތާ މާގިނަ އިރެއް ނުވަނީސް 69 ވަނަ މިނިޓުގައި އެޓީމުގެ އިބްރާހިމް ހަމްދާން ވަނީ ލަނޑެއް ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

ދިވެހި ލީގު ކޮލިފިކޭޝަންގައި ދެން ކުޅޭ މެޗުގައި ބައްދަލު ކުރާނީ އޭވައިއެލް އާއި ޔުނައިޓެޑް ވިކްޓްރީ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ގަލޮޅު ދަނޑުގައެވެ.

ދިރާގު ދިވެހި ލީގު ކޮލިފިކޭޝަންގައި ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ދެވަނަ ބުރު ނިމުނު އިރު އެންމެ ފުލުގައި އޮތް ދެޓީމް ކަމުގައިވާ އޭވައިއެލް އާއި ބީޖީގެ އާއި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޓީސީ ސްޕޯޓްސްގެ އިތުރުން ރަނަރަޕް ޔުނައިޓެޑް ވިކްޓަރީ އެވެ.

ކޮލިފިކޭޝަންގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ހަމަޖެހިފައިވާ އިރު އަންނަ ސީޒަންގެ ދިވެހި ލީގަށް ކޮލިފައިވާނީ ހުރިހާ މެޗެއް ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ދެޓީމެވެ.