އޮސްޓްރޭލިއާގެ އޮޕަރޭޝަން ޑޮކްޓަރުންތަކެއް "މަރުވެފައި އޮތް ހިތެއް" ފުރަތަމަ ފަހަރަށް މީހެއްގެ ހަށިގަނޑަށް ޓްރާންސްޕްލާންޓް ކޮށްފި އެވެ.

ބީބީސީ އިން ބުނިގޮތުގައި 20 މިނެޓު ވަންދެން ވިންދު ނުޖަހާ އޮތް ހިތެއް އަލުން ދިރުވައި މީހެއްގެ ހަށިގަނޑަށް ޓްރާންސްޕްލާންޓް ކޮށްފައިވަނީ އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ ސިޑްނީގައި ހުންނަ ސެއިންޓް ވިންސަންޓް ހޮސްޕިޓަލުގައި ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް މަރުވެފައި އޮތް ހިތެއް ޓްރާންސްޕްލާންޓް ކޮށްފައިވަނީ "ކޮންޖެނިޓަލް ހާޓް ފެއިލިއާ" ކިޔާ ބައްޔެއް ހުންނަ އުމުރުން 57 އަހަރުގެ މިޝެލް ގްރިބިލާސްގެ ހަށިގަނޑަށް ކަމަށާއި އެ އޮޕަރޭޝަން ކޮށްފައިވަނީ މީގެ ދެ މަސް ކުރިން ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

" އަހަރެންގެ ހާލު ވަރަށް ރަނގަޅު. ހީވަނީ އަހަންނަކީ މިހާރު 40 އަހަރުގެ މީހެއް ހެން. އަހަރެންގެ ނަސީބު ވަރަށް ރަނގަޅު." 'މަރުވެފައި' އޮތް ހިތެއް ޓްރާންސްޕްލާންޓް ކޮށްފައިވާ މިޝެލް ގްރިބިލާސް ބީބީސީއަށް ބުންޏެވެ.

ހިތުގެ ޓްރާންސްޕްލާންޓް އަކީ ހަމައެކަނި ވިންދު ޖަހާ ހިތް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަނެކެވެ. ނަމަވެސް އޮސްޓްރޭލިއާގެ ޑޮކްޓަރުންތަކެއް މިފަހަރު ވަނީ އެ އޮޕަރޭޝަން ކުރުމުގެ މުޅިން އާ ގޮތެއް ތައާރަފުކޮށްދީފައެވެ.

ބީބީސީ އިން ބުނީި އޮސްޓްރޭލިއާގެ ޑޮކްޓަރުން އެ ޓްރާންސްޕްލާންޓް ކޮށްފައިވަނީ "ހާޓް އިން އަ ބޮކްސް" ކިޔާ މެޝިނެއް ބޭނުންކޮށްގެން ކަމަށެވެ. ހިތުގެ ފިނިހޫނުމިން ހަށިގަނޑުގައި ހުންނާނެ ވަރާ އެއްވަރުކޮށްދޭ އެ މެޝިނަކީ ހިތް އަލުން ދިރުވުމުގެ އިތުރުން އެ ހިތް ތާޒާކުރުމަށް 'ފްލުއިޑް'ތަކެއް ބޭނުންކޮށްގެން އެ ހިތުގެ މަސްގަނޑަށް ލިބިފައިވާ ގެއްލުން ވެސް ކުޑަކޮށްދޭ މެޝިނެކެވެ.

މިޝެލް ގްބިރިލާސްގެ އިތުރުން ދެފަހަރު މަތިން ކާމިޔާބު ނަތީޖާއެއް ހޯދާ އިތުރު ދެމީހަކަށް އާ ދިރިއުޅުމެއް ހަދިޔާކޮށްފައިވާ އެ ޓްރާންސްޕްލާންޓް އޮޕަރޭޝަނަކީ "ފާހަގަކުރެވޭ ބޮޑު ކުރިއެރުމެއް" ކަމަށް އިނގިރޭސިވިލާތުގެ ޗެރިޓީއެއް ކަމަށްވާ ހާޓް ފައުންޑޭޝަނުން ބުނެފައިވެ އެވެ.

"މިކަހަލަ ހިތުގެ ޓްރާންސްޕްލާންޓް އޮޕަރޭޝަނަކުން މީހުން ރަނގަޅުވަމުން އަންނަ ތަން ފެނުމަކީ ވަރަށް އުފާވެރި މަންޒަރެއް. މި ކުރިއެރުމާ ނުލައި އެމީހުން އަދިވެސް ތިބޭނީ ޑޯނަރެއް ލިބެންދެން މަޑުކޮށްގެން،" އިނގިރޭސިވިލާތުގެ ހާޓް ފައުންޑޭޝަން ޗެރިޓީގެ ދުވަސްވީ ނަރުހެއް ކަމަށްވާ މޯރީން ޓެލްބޮޓް ބީބީސީއަށް ބުންޏެވެ.