28 Oct 2014, 09:44
ގާހިރާ (އޮކްޓޯބަރ 28): މިސްރަށް ކުރިމަތިވެދާނެ ޓެރަރިސްޓް ޙަމަލާތަކަކުން ދައުލަތުގެ މުހިއްމު މުއައްސަސާތައް ޙިމާޔަތް ކުރުމަށް ކަމަށްބުނެ މިސްރު ސިފައިންގެ އެތަށް ސަތޭކަ ބަޔަކު ބަރުހަތިޔާރާއެކު ވެރިރަށް ގާހިރާގައި ރުކުރުވާލައިފި އެވެ.
މިސްރު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ކުރިމަތިވެދާނެ ޓެރަރިސްޓް ޙަމަލާތަކަކުން ދައުލަތުގެ މުހިއްމު މުއައްސަސާތައް ޙިމާޔަތް ކުރުމަށް ރައީސް އަބްދުލްފައްތާޙް އައްސީސީ ނެރުއްވި ރިޔާސީ އަމުރެއް ތަންފީޒުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމުގައެވެ. މިކަމާގުޅިގެން މިސްރުގެ ރިޔާސީ ތަރްޖަމާން ވިދާޅުވީ، މިއީ ރައްޔިތުންނާ ދެކޮޅަށް ނޫނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރަތްތަކާ ދެކޮޅަށް ކުރާކަމެއްނޫން ކަމަށާއި ސިފައިން ނުކުތީ ޓެރަރިސްޓް ޙަމަލާތައް ހުއްޓުވުމަށްޓަކައި ޓެރަރިސްޓުންނާ ދެކޮޅަށް ކަމުގައެވެ.
މިސްރުގެ ވަޒީރުންގެ މަޖިލީހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ޓެރަރިޒަމަކީ ކޮންބާވަތެއްގެ އަމަލެއްކަން ބަޔާންކުރާ ގާނޫނެއްގެ ދެލިކޮޕީއަށް އާނބަސް ބުނެފައެވެ. މި ދެލިކޮޕީގައި ޓެރަރިޒަމްގެ މާނަ ވަރަށް ފުޅާދާއިރާއެއްގައި ކޮށްފައިވެއެވެ. މިގޮތުން ރައްޔިތުންނާއި ސިފައިންނާއި ފުލުހުންނާ އަދި ދައުލަތުގެ މުއައްސަސާތަކާއި އާންމު ތަންތަނަށް ދޭ ކޮންމެ ޙަމަލާއަކާ ކުރާ ކޮންމެ ގޯނާއެއްގެ އިތުރުން މަގުފޭރުމުގެ އަމަލުތަކަކީ ޓެރަރިޒަމްގެ އަމަލުތައް ކަމަށް މި ދެލިކޮޕީ ބުނެއެވެ.
ވަޒީރުންގެ މަޖިލީހުގެ ތާއީދާއެކު ރައީސް އަބްދުލްފައްތާޙް އައްސީސީ މި ދެލިކޮޕީ ގަބޫލުކުރައްވައި ދައުލަތުގެ ގެޒެޓްގައި ޝާއިޢުކުރުމުން މި ދެލިކޮޕީ މިސްރުގެ ގާނޫނަކަށް ވެގެންދާނެ އެވެ.
މިސްރުގެ ގާނޫނު އަސާސީ ބުނާގޮތުން އާ ޕާލަމެންޓެއް އިންތިޚާބުކުރަންދެން މިސްރުގައި ގާނޫނުތައް ހެދުމުގެ ބާރު ލިބިވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ރައީސުލްޖުމްހޫރިއްޔާ ގާނޫނުތައް ނެރުއްވާނީ ވަޒީރުންގެ މަޖިލީހުގެ ތާއީދާ އެކުގައެވެ. މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އިއްޔެ ނެރުއްވި ރިޔާސީ އަމުރުގައި ވަނީ މިސްރަށް ކުރިމަތިވެދާނެ ޓެރަރިސްޓް ޙަމަލާތަކަކުން ދައުލަތުގެ މުހިއްމު މުއައްސަސާތައް ޙިމާޔަތް ކުރުމަށް ސިފައިން ޙަރަކާތްތެރިވާނެ ކަމުގައެވެ. ސީސީ މި އަމުރު ނެރުއްވާފައި މިވަނީ މިސްރުގެ އިރުމަތީގެ ސަރަހައްދެއް ކަމަށްވާ ސައިނާގައި މިދިޔަ ހުކުރުދުވަހު ގޮތްނޭނގޭ ބަޔަކު ދިން ޓެރަރިސްޓް ޙަމަލާތަކެއްގައި މިސްރު ސިފައިންގެ 33 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވުމާއެކު ސައިނާގެ ބޮޑުބައެއްގައި ކުއްލި ހާލަތު އިއުލާން ކުރުމުގެ އަމުރެއްވެސް އޭނާ ނެރުއްވާފައި ވަނިކޮށެވެ.
ސީސީ އިއްޔެ ނެރުއްވި ރިޔާސީ އަމުރާ ގުޅިގެން މިސްރުގެ ސިފައިންގެ އެތަށް ސަތޭކަ ބަޔަކުވަނީ ޓޭންކް ފަދަ ބަރުހަތިޔާރުތަކާއެކު ގާހިރާގެ ކަންކޮޅުތަކަށް ނުކުމެ ދައުލަތުގެ މުހިއްމު މުއައްސަސާތަކާއި ޔުނިވާސިޓީތައް ފަދަ ތަންތަނުގެ ކައިރީގައި ރުކުރުވާލާފައެވެ. (އަލްޖަޒީރާ)