ރާމަﷲ (އޮކްޓޯބަރ 28) : ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާގައި ފަލަސްތީނުގެ ދައުލަތުން ސޮއިކުރުމަށް ތައްޔާރު ވެފައިވާކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާގެ ގޮތުގައި ބައިނަލްއަގްވާމީ މުޖްތަމައުން އިޢުތިރާފް ވެފައިވާ ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އިން ބުނެފި އެވެ.

ޕީއެލްއޯގެ ތަރްޖަމާނެއް ކަމަށްވާ މުޙައްމަދު އިޝްތިޔާ ވިދާޅުވީ، ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ފަލަސްތީނުގެ ދައުލަތް ބައިވެރިވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށާއި އެ މުޢާހަދާގައި ފަލަސްތީނުން ސޮއިކުރުމަށް ދެން މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމުގައެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ ވަކިވަކި ފަރުދުންނާއި ގައުމުތަކުގެ ސަރުކާރުތަކުންނާއި އެކިއެކި މުއައްސަސާތަކުން އިންސާނުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަނިޔާތަކާއި ހަނގުރާމައިގެ ޖަރީމާތަކާއި އެނޫންވެސް އިންސާނިއްޔާތާ ޚިލާފު ބޮޑެތި ކުށްތައް ބަލައި އެކުށްތައް ހިންގިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގާ ކޯޓެކެވެ.

އެ ކޯޓު އުފެއްދުމުގެ ބައިނަލްއަގްވާމީ މުއާހަދާ ކަމަށްވާ ރޯމް ކޮންވެންޝަންގައި ފަލަސްތީނުން ސޮއިކޮށް އެކޯޓުގެ މެންބަރު ގައުމަކަށް ފަލަސްތީން ވެއްޖެނަމަ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ތަހުގީގް ކުރުމާއި އެ ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވެރިންގެ މައްޗަށް އެ ކޯޓުގައި ދައުވާއުފުލުގެ ފުރުސަތު ފަލަސްތީނަށް ފަހިވެގެންދާނެ އެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާގައި ސޮއިކުރުމަށް މިހާތަނަށް ފަލަސްތީނުގެ ސަރުކާރުން ފަސްޖެހިފައިވަނީ އެ މުއާހަދާގައި ސޮއި ނުކުރުމަށް އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ގައުމުތަކާއި އިސްރާއީލުން ފަލަސްތީނުގެ ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުން ގެންދާތީ އެވެ.

ނަމަވެސް މީގެ ދެމަސްކުރިން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގި އުދުވާނުގައި ފަލަސްތީނުގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށް ގަސްދުގައި ޙަމަލާދީ އެތަށް ސަތޭކަ ތުއްތު ކުދިންނާއި އަންހެނުން ހިމެނޭގޮތަށް ފަލަސްތީނުގެ އާންމުންގެ އެތަށް ހާސްބަޔަކު ޝަހީދުކޮށް ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗަރު ފުނޑުފުނޑު ކޮށްލާފައިވާތީ މި މުއާހަދާގައި ސޮއިކުރުމަށް ފަލަސްތީނުގެ އެތެރެއިން ފަލަސްތީނުގެ ސަރުކާރަށްވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެގެން ގޮސްފައެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވަނީ ނާޒީ ޖަރުމަނުން ޔަހޫދީންނާ ދެކޮޅަށް ހިންގި ކަމަށްބުނާ ހޮލޮކޯސްޓް ފަދަ އަނިޔާވެރި ޖަރީމާތަކެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވެސް ވަނީ ސިފަކޮށްފައެވެ. އަދި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާގައި ފަލަސްތީނުގެ ދައުލަތުން ސޮއިކުރުމަށްފަހު އިސްރާއީލުގެ ހަރުކަށި އަދި އަނިޔާވެރިންނާ ދެކޮޅަށް އެކޯޓަށް ޖިނާއީ ދައުވާ އުފުލުމަށްވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުންވަނީ ފަލަސްތީނުގެ ސަރުކާރަށް ގޮވާލާފައެވެ.

ފަލަސްތީނަކީ މުސްތަގިއްލު ދައުލަތެއް ކަމަށް ކަނޑައަޅައި 2012 ވަނަ އަހަރު އދ. ގެ ޖެނެރަލް އެސެމްބްލީން ވަނީ ގަރާރެއް ފާސްކޮށްފައެވެ. ނަމަވެސް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދެކޮޅުހަދާތީ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން އަދި ލިބިފައެއް ނުވެއެވެ. 2002 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުޢާހަދާގައި މިހާރު 122 ގައުމުވަނީ ސޮއިކޮށްފައެވެ. އެމެރިކާއާއި އިސްރާއީލުފަދަ އެހެން ގައުމުތަކާ ދެކޮޅަށް ހަނގުރާމަކުރާ ހަރުކަށި ގައުމުތައްވަނީ މި މުޢާހަދާގައި ސޮއިކުރުމަށް ފަސްޖެހިފައެވެ. (އަލްޖަޒީރާ)