28 Oct 2014, 09:06
ރާއްޖޭގެ އިންފްލޭޝަން ރޭޓް އަހަރެއްގެ ތެރޭގައި 1.40 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކޮށްފައިވާ މިދިޔަ ސެޕްޓެމްބަރު މަހުގެ، ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 1.40 ޕަސެންޓް މަތީގަ އެވެ.
އޮގަސްޓު މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި އިންފްލޭޝަން ރޭޓަށް ބަލާ އިރު އެ އަދަދު ހުރީ 2.23 ޕަސެންޓް މަތީގައެވެ.
މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފައިވާ ބައިތަކަށް ބަލާ އިރު ދުންފަތާއި ދުމުގެ ބައިން 6.60 ޕަސެންޓް އިންފްލޭޝަން މައްޗަށް ގޮސްފައިވާއިރު ތައުލީމް ބައިން އިންފްލޭޝަން ވަނީ 5.16 ޕަސެންޓް މައްޗަށް ޖެހިފައެވެ. އަދި ހޮޓާ ކެފޭ، ރެސްޓޯރަންޓް ބައިން 4.90 ޕަސެންޓް އިންފްލޭޝަން މައްޗަށް ޖެހިފައިވާއިރު ސިއްހީ ހިދުމަތުގެ ބައިން ވަނީ 4.27 ޕަސެންޓް މައްޗަށް ޖެހިފައެވެ.
ޖުލައި މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ބައިން 2.37 ޕަސެންޓެވެ.
މިދިޔަ ސެޕްޓެމްބަރު މަހަށް އެކަނި ބަލާއިރު އިންފްލޭޝަން 0.06 ޕަސެންޓަށް ވަނީ މަތިވެފަ އެވެ.