27 Oct 2014, 23:41
ޖަމިއްޔަތުއްސަލަތުގެ ރައީސް ޝެއިހް އަބުދުﷲ ބިން މުހައްމަދު އިބްރާހިމް، ރައީސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ޝެއިހް އަބުދުﷲ "ސަން"އަށް މިއަދު ވިދާޅުވީ މާދަން މެންދުރުފަހު 1:00 އަށް ރައީސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށާއި ނަމަވެސް ހާޒިރު ކުރަނީ ކޮންކަމެއްގައި ކަމެއް ނާންގާ ކަމަށެވެ.
ނަމަވެސް ތައުލީ މަންހަޖު މައްސަލާގައި މައުލޫމާތުތަކެއް ހޯދުމަށް އެދި ރައީސް އޮފީހަށް ސިޓީއެއް ހުށައަޅާފައިވާނެ ކަމަށް ޝެއިހް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް އޮފީހަށް ހާޒިރުކުރަނީ އެ މައުލޫމާތުތައް ހޯދުމަށް އެދުމުން ކަމަށް ވެސް ވެދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މައުލޫމާތުތަކެއް ހޯދުމަށް ރައީސް އޮފީހުގައި އެދުނީ އަލަށް ހަދާ މަންހަޖުގައި ދީނާ ހިލާފު ކަންތައްތަކެއް އެކުލެވިގެންވާތީ ކަަމަށެވެ.
"މިއުޒިކާއި ނެށުން މިވަނީ މަޖުބޫރުކުރެވިފައި، އެފަދަ އެހެން ކަންކަން ވެސް އެބަ ހިމެނޭ،" ޝެއިހް އަބުދުﷲ ވިދާޅުވި އެވެ.
ޖަމިއްޔަތުއްސަލަތުގެ ރައީސް، ރައީސް އޮފީހަށް ހާޒިރު ކުރަނީ ކީއްވެތޯ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ރައީސް އޮފީހަށް މީހުން ހާޒިރު ކުރާ މަގުސަދު މީޑިއާއަށް ހާމަކުރަމުން ނުދާ ކަމަށެވެ. އަދި ރައީސް އޮފީހުގައި ކުރެވެމުންދަނީ ގައުމީ މަސައްކަތްތަކެއްކަމުން ލަފައެއް ހޯދުމަށް ވެސް އެ އޮފީހަށް މީހަކު ހާޒިރުކޮށްފާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.