27 Oct 2014, 22:39
ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟުވާން އަބްދުﷲ މަރުނުވެ ދުނިޔޭގައި ހުރި ކަމަށް 90 ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށާއި އޭނާ އޭނާ ހޯދޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާ ކަމަށް ރިޟުވާންގެ އާއިލާ އިން މިއަދު ބުނެފި އެވެ.
ރިޟުވާން ގެއްލުނުތާ މިއަދަަށް 60 ދުވަސް ފުރިފައިވާއިރު އޭނާގެ އާއިލާއިން އިއްޔެ ވަނީ ހޯމް މިނިސްޓަރާ ބައްދަލުކުރުމަށް އެދި ސިޓީއަކުން ދަންނަވައިފަ އެވެ. އާއިލާއިން އެދުނު ގޮތަށް މިނިސްޓަރު މިއަދު ވަނީ ރިޟްވާންގެ އެއްބަނޑު އެއްބަފާ ދެެ ދައްތަ އާއި ބައްޕައާ ބައްދަލު ކުރައްވާފަ އެވެ.
އެ ބައްދަލުވުމާ ބެހޭ ގޮތުން "ސަން" އަށް މައުލޫމާތު ދެމުން ރިޟްވާންގެ ދައްތަ ޝެހެނާޒް އަބްދުﷲ މިރޭ ބުނީ މިނިސްޓަރާއެކު ބޭއްވި އެ ބައްދަލުވުމުގައި ރިޟުވާން ހޯދަން ފުލުހުން ކުރިއަށް ގެންދާ މަސައްކަތަށް ކުޑަ ވެސް ހުއްޓުމެއް ނާންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި ރިޟުވާން ހޯދޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރައްވާ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި ކަމަށްް ވެސް އޭނާ ބުންޏެވެ.
"ރިޟުވާން ދުނިޔޭގައި ހުރިކަމުގެ ޔަގީންކަން އެބައޮތް ތޯ އާއިލާއިން ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ރިޟުވާން މަރުނުވާ ކަމުގެ 90 ޕަސެންޓް ގެރެންޓީ އޮބަ އޮތް ކަމަށް. އަދި ރިޟުވާން ދިރިހުއްޓާ ހޯދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި،" ޝެހެނާޒު ބުންޏެެވެ.
މިނިސްޓަރަށް ރިޟުވާން މަރުނުވާ ކަމުގެ އެެހާ ބޮޑު ޔަގީން ކަމެއް ދެއްވަން އެނގެނީ ކީއްވެތޯ އާއިލާއިން ސުވާލު ކުރުމުން، އެ ޔަގީންކަން ދެއްވަނީ މިހާތަނަށް އޭނާ މަރާލާފައިވާނަމަ އެކަމާ ގުޅުން ހުރި ކޮންމެ ވެސް ހެއްކެއް ފެންނާނެ ކަމަށް ގަބޫލު ކުރެވިގެން ކަމާއި ނަމަވެސް އެފަދަ ހެއްކެއް މިހާތަނަށް ވެސް ލިބިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް ރިޟުޥާންގެ ދައްތަ ބުންޏެވެ.
ރިޟުވާން ހޯދުމަށް ފުުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ހުޅުމާލެ އާއި މާލެ އާއި ވިލިމާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގެ އިތުރުން ފަޅު ރައްތައް ވެސް ވަނީ ހޯދައި ބަލައިފަ އެވެ. އަދި ކޯސްޓްގާޑާއި ގުޅިގެން ހުޅުމާލޭގެ ކަނޑުގެ ސަރަހައްދު ވެސް ވަނީ ހޯދައިފަ އެވެ. ނަމަވެސް މިހާތަނަށް އޭނާއާ ބެހޭ އެއްވެސް ނިޝާނެއް ނުވަތަ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
ރިޟުވާން ގެއްލުނު މައްސަލައިގެ ތުހުމަތުގައި ހަތަރު މީހެއް ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން އެކަކު ނޫން އެންމެން ވަނީ ދޫކޮށްލައިފަ އެވެ. މިހާރު ބަންދުގައި ހުރި މީހާގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް ވަނީ އިތުރުކޮށްފަ އެވެ.