ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ރާއްޖެެއިން ބޭރުގައި ހުންނެވިޔަސް، އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރާ ޖިނާއީ ކުށުގެ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ނާޒިމްގެ ޕާސްޕޯޓް ހިފައްޓާފައި ވަނީ ފުލުހުން ކުރިއަަށް ގެންދާ ތަހުގީގަކާ ގުޅިގެން ކަމަށެވެ.

ނަމަވެސް ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓަން ޖެހުނީ ފުލުހުން ބަލަމުން ގެންދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ވެސް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

"މައްސަލަ އެއްގެ ތުހުމަތު ކުރެވޭ މީހަކު ރާއްޖޭގައި ނެތް ނަމަވެސް އެ މައްސަލައެއްގެ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ނާޒިމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން އެދުނު އިރު އޭނާ ހުންނެވީ މެލޭޝިއާގަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ފުލުހުން ބުނެފައެއް ނުވެ.