27 Oct 2014, 20:49
އިލެކްޓްރޯނިކް ސާމާނު ވިއްކުމުގައި މަޝްހޫރު ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ސޮނީ އިން ނެރެމުން އަންނަ އެކްސްޕީރިއާ ޒެޑް ސީރީޒްގެ އެންމެ ފަހުގެ ފޯނު، "ސޮނީ އެކްސްޕީރިއާ ޒެޑް ތްރީ" ރާއްޖޭގައި ރަސްމީކޮށް ވިއްކަން ފަށައިފި އެވެ.
އެއް އަހަރުގެ ވޮރަންޓީއާއެކު އެކްސްޕީރިއާ ޒެޑް ތުރީ ފޯނު ރާއްޖޭގައި ވިއްކަން ފަށާފައި ވަނީ ސޮނީ މޮބައިލްސް ގެ ރާއްޖޭގެ ދެ ޑިސްޓްރިބިއުޓަރުން ކަމަށްވާ ރީފްސައިޑާއި އެލްމޮބައިލްސް އިންނެވެ. އެ ދެ ފިހާރައިން ވެސް އެކްސްޕީރިއާ ޒެޑް ތްރީ ވިއްކަނީ 13،700 ރުފިޔާ އަށެވެ.
ސޮނީ މޮބައިލްސް އިން ބުނީ އެކްސްޕީރިއާ ޒެޑް ތްރީ ގައި 5.2 އިންޗީގެ ކްރިސްޓަލް ކްލިއާ ފުލް އެޗްޑީ، 1080 ޕިކްސަލްގެ ޑިސްޕްލޭއެއް ހިމެނޭނެ ކަމަށެވެ. އަދި އެއް މީޓަރު ނުވަތަ 30 މިނަޓާ ހަމައަށް އެ ފޯނު ވޯޓާޕްރޫފް ކޮށްފައިވާ އިރު 2.5ގިގަ ހާޓްޒްގެ ޕްރޮސެސާއަކާއި ތިން ޖީބީގެ ރެމް އެއް އެ ފޯނުގައި ވަނީ ހިމަނާފަ އެވެ.
އެކްސްޕީރިއާ ޒެޑް ތުރީގައި ހިމެނޭ ބައެއް މުހިއްމު ފީޗާތަކުގެ ތެރޭގައި ވަޔާލެސްކޮށް، ޕީއެސް ފޯގެ ޖޮއިސްޓިކަކާ ފޯނު ގުޅާލައި ގޭމް ކުޅެވޭނެ އެވެ. އެގޮތުން ފޯނު ގަންނަ އިރު ވެސް އެކަމަށް ހާއްސަ އެޕްލިކޭޝަނެއް ފޯނުގައި ހިމެނޭނެ އެވެ. އެ އެޕްލިކޭޝަނަކީ ޕީއެސް ފޯ ރިމޯޓް ޕްލޭ އެވެ.
ސޮނީ އެކްސްޕީރިއާ ޒެޑް ތުރީ އަކީ މިހާތަނަށް އުފެއްދި ފޯނުތަކުގެ ތެރެއިން ރޭގަނޑުގެ ފޮޓޯތައް އެންމެ ސާފުކޮށް އަދި އަލިކޮށް ނެގުމުގެ ގާބިލުކަން ލިބިފައިވާ ފޯނެކެވެ. އެގޮތުން ފޯނުގައި ހަރުކޮށްފައިވާ "ގީލެންސް"ގެ އެހީގައި އައިއެސްއޯ 12،800 އަށް މަތިކުރެވެ އެވެ.
އިންޓަނެޓް ހަލުވި ސްޕީޑުގައި ފޯނަށް ވާސިލްކޮށްދިނުމަށް އެ ފޯނުގައި ވަނީ ފޯޖީ އެލްޓީއީ މޮޑެމެއް ހަރުކޮށްފަ އެވެ. އެއްފަހަރާ ގިނަ އެޕްލިކޭޝަންތަކެއް ބޭނުންކުރެވޭ ގޮތަށް މަލްޓި ވިންޑޯ ފީޗާ ސޮނީ އެކްސްޕީރިއާ ޒެޑް ތުރީގައި ހިމަނެ އެވެ.