27 Oct 2014, 20:34
އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕީޕީއެމްގެ އަހަރީ ދުވަހުގެ މަރުހަބާ ދެންނެވުމުން، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފި އެވެ.
ޕީޕީއެމަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ސިޔާސީ ދެ ވާދަވެރިންގެ މުއާމަލާތް ކުރިއަށް ގެންދެވީ އޮންލައިން ސޯޝަލް ނެޓްވޯކް، ޓްވިޓާގަ އެވެ. ޕީޕީއެމްގެ އަހަރީ ދުވަހުގެ މަރުހަބާ ރައީސް މައުމޫނަށާއި އެ ޕާޓީގެ އާންމު މެމްބަރުންނަށް ނަޝީދު ދެންނެވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގަ އެވެ.
ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ތަރައްގީ ލިބޭނެ ވެރިކަމުގެ ނިޒާމުގެ ވަސީލަތަކީ ސިޔާސީ ޕާޓީ ކަމަށެވެ.
Tharaqee libeyne verikamuge nizam ehge vaseelathakee siyaasee party. PPM ge ahary dhuvahu PPM Raees@maumoonagayoomashai menbarunah marhaba
— Mohamed Nasheed (@MohamedNasheed)October 27, 2014
ނަޝީދުގެ މަރުހަބާގެ ޓްވީޓަށް މައުމޫން ޝުކުރު ދެންނެވީ މިއަދު އިރުއޮއްސުނު ވަގުތު ކުރެއްވި ޓްވީޓެއްގަ އެވެ. މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ނަޝީދުގެ މަރުހަބާ އަށް ޝުކުރު ދަންނަވާ ކަމަށެވެ.
@MohamedNasheedPPM ah 3 aharu furumuge munaasabathu gai vidhaalhuvi marhabaa ah shukuru dhannavan.
— Maumoon Abdul Gayoom (@maumoonagayoom)October 27, 2014
ޕީޕީއެމް އަހަރީ ދުވަހުގެ މަރުހަބާ، އިދިކޮޅު ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ނަޝީދު ދެންނެވުމުން އެމަނިކުފާނަށް ސޯޝަލް މީޑީއާގައި ތައުރީފުގެ ބަސްތައް ދަނީ ރައްދު ކުރަމުންނެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތައް ވާދަކުރި ދެ ވަނަ އިންތިހާބު ޕީޕީއެމް ކާމިޔާބު ކުރެއްވުމުން ބަލި ގަބޫލުކުރައްވައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް ނަޝީދު ވަޑައިގެންނެވުމުން ވެސް ގިނަ ބަޔަކު އެމަނިކުފާނަށް ވަނީ ތައުރީފުގެ ބަސްތައް ރައްދުކޮށްފަ އެވެ.
ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނެސް، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދާ އެކު ސެލްފީއެއް މައުމޫން ނެންގެވި ދުވަހު ވެސް އެމަނިކުފާނަށް ވެސް ތައުރީފު އޮހުނެވެ. އެ ސެލްފީ ނެންގެވީ މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ޓީމު ކިރްގިސްތާނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގަ އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި އަމިއްލަ އަށް އުފެއްދެވި ޕާޓީ ޑީއާރުޕީ ދޫކުރައްވައި، ޕީޕީއެމް އުފައްދަވަން މަސައްކަތްޕުޅު ފެއްޓެވީ ސެޕްޓެމްބަރު 5، 2011 ގަ އެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީޕީއެމް ރަޖިސްޓްރީ ކުރީ 3200 މެމްބަރުންނާއެކު އޮކްޓޯބަރު 27، 2011 ގަ އެވެ.