27 Oct 2014, 18:08
ދިރާގުން ފާސްޓު ސްޕީޑާއެކު އިންޓަނެޓް ހިދުމަތް ލިބޭ 4ޖީގެ ހިދުމަތް މިހާރު ތައާރަފްކޮށްފައިވާއިރު މާދަމައިން ފެށިގެން އެހިދުމަތް ހޯދުމަށް ބޭނުން ކުރަންޖެހޭ 'ސިމް ކާޑު' ލިބޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
ދިރާގުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ މާކެޓިން ޑިރެކްޓަރު އަހުމަދު މައުމޫން ވިދާޅުވީ، މިއަދަކީ ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ވަރަށް މުހިންމު ދުވަހެއް ކަމަށާއި އެހެން ކަމުން މާދަމާއިން ފެށިގެން ދިރާގުގެ ކަސްޓަމަރުންނަށް 4ޖީ އެލްޓީއީގެ ހިދުމަތް ލިބިގަތުމަށް ބޭނުންވާ ސިމް ދޫކުރާން ފަށާނެ ކަމަށެވެ.
"މި ހިދުމަތަކީ ޓެސްޓު ކުރެވިފައިވާ ހިދުމަތެއް. އެހެން ކަމުން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށް 4ޖީގެ ހިދުމަތް ލިބިގެންދާނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ، 4ޖީގެ ހިދުމަތް ތައާރަފް ކުރެވިގެން ދިއުމާއެކު ދިރާގުގެ 3ޖީގެ ހިދުމަތްވެސް ކުރިއަށްވުރެ އަވަސް ވެގެން ދާނެ ކަމަށެވެ.
ދިރާގުގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ، 4ޖީގެ ހިދުމަތް ބޭނުންކުރެއްވުމަށް ދިރާގުން ހާއްސަ ސިމްއެއް ނަގަން ޖެހޭނެ ކަމަށާއި އެގޮތުން އެ ސިމް ހިލޭ ލިބޭނެ އިންތިޒާމް މާދަމައިން ފެށިގެން ދިރާގުގެ ފިހާރަތަކުން ހަމަޖެހިފައިވާނެ ކަމަށެވެ.
ދިރާގުން އަލަށް ތައާރަފް ކުރާ އާ ސިމް ކާޑަކީ މައިކުރޯކޮށް އަދި ނެނޯ ކޮށްވެސް ބޭނުން ކުރެވޭ އަދި 3ޖީ އާއި 2ޖީ ނެޓްވޯކުގައިވެސް ބޭނުން ކުރެވޭނެ ސިމްއެއް ކަމަށް މިރުޝާން ވިދާޅުވި އެވެ.
ދިރާގުން މައުލޫމާތު ދިންގޮތުގައި ދިރާގުގެ 4ޖީ ހިދުމަތް ފުރަތަމަ ތައާރަފް ވެގެންދާނީ މާލެ ސަރަހައްދަށެވެ.
ފާސްޓު ސްޕީޑާއެކު އިންޓަނެޓް ބޭނުން ކުރެވޭ ދިރާގުގެ 4ޖީ ސަޕޯޓް ކުރަނީ 1800 މެގަ ހާޓްޒް އެލްޓީއީ ބޭންޑް ތިނެއްގެ ފޯންތަކަށެވެ.