ކުޑަ ކުދިންގެ ހިޔާގައި ތިބި ކުދިންތަކެއް އެތަނުގައި ހަމަނުޖެހުން ހިންގައި މުވައްޒަފުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، ރޭ ގާތްގަނޑަކަށް 10:15 އެހާކަންހާއިރު ކުޑަ ކުދިންގެ ހިޔަލުގައި ތިބި އަންހެން ކުދިންތަކެއް އެތަނުގެ މުވައްޒަފުންނަށް ހަމަލާދީ، ބިއްލޫރިތައް ތަޅައިލައި ތަނުގެ ތަކެއްޗަށް ގެއްލުން ދެމުން ގެންދިޔަ މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން ކުޑަކުދިންގެ ހިޔަލަށް ދާން ޖެހުނީ އެތަނުގެ މުވައްޒަފުންނަށް އެކުދިން ކޮންޓްރޯލް ނުކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިިގެން ފުލުހުންގެ ބެލުމުގެ ދަށަށް ހަ ކުއްޖަކު ގެންގޮސް ސުވާލުކޮށްފައިވެ އެވެ. އަދި އޭގެތެރެއިން ދެ ކުއްޖަކު އަދި ވެސް ތިބީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންސް ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެ ހަމަނުޖެހުން ހިންގާފައިވަނީ ހިޔާގައި އުޅޭ 15 އަހަރާއި 16 އަހަރުގެ ކުދިންތަކެކެވެ.

ކުޑަކުދިންގެ ހިޔަލުގައި ތިބޭ ފުރާ އުމުރުގެ އަންހެން ކުދިން އެތަނުން ނުކުންނަން ބޭނުންވެގެން ފެންސުމަތިންނާއި ފާރުމަތިން ފުންމާލައިގެން ފިލި މައްސަލަތަކެއް މިދިޔަ އަހަރު ވަނީ ކުރިމަތިވެފަ އެވެ.