27 Oct 2014, 16:50
އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބޭއްވި 24 ވަނަ ގައުމީ ކަސްތަރު މުބާރާތުން، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު އެންމެ މޮޅު އަންހެން އެތުލީޓަކަށް މަރިޔަމް އަފާ ހޮވިއްޖެ އެވެ.
ދިވެހި ސިފައިންގެ ކްލަބުގެ ސާއިދު މި މުބާރާތުގައި ފަސް ރަން މެޑަލް ހޯދާފައިވާއިރު އޯލް ސްޓާގެ މަރިޔަމް އަފާ ވަނީ ހަތަރު ރަން މެޑަލް ހޯދާފައެވެ.
ސާއިދު ރަން މެޑަލް ހޯދާފައިވަނީ 100 މީޓަރުގެ ދުވުމާއި 200 މީޓަރުގެ ދުވުމާއި 400 މީޓަރުގެ ދުވުމާއި 100×4 ގެ ރިލޭ އަދި 200×4 ގެ ރިލޭއިންނެވެ.
އަފާ ރަން މެޑަލް ހޯދާފައިވަނީ 100 މީޓަރުގެ ދުވުމާއި 200 މީޓަރުގެ ދުވުމާއި ލޯންގް ޖަމްޕް އަދި 100×4 ގެ ރިލޭ އިންނެވެ.
މުބާރާތުގެ އެހެން އިވެންޓް ތަކުގެ ތެރެއިން ފިރިހެން ޝޮޓްޕުޓް އިން އެއްވަނައަށް ސިފައިންގެ ކްލަބުގެ ހަސަން ޝަމޫން އައިސްފައިވާއިރު އަންހެން ޝޮޓްޕުޓް އިން އެއްވަނައަށް އައީ އޯލް ސްޓާގެ މަރިޔަމް ބަލްގިސް އެވެ.
ފިރިހެން 1500 މީޓަރުގެ ދުވުމުން އެއްވަނަ ލިބިފައި ވަނީ ސިފައިންގެ ކްލަބުގެ ޝިފާޒް މުހައްމަދެވެ. އަދި އެ އިވެންޓުގެ އަންހެން ބައިން އެއްވަނައަށް އައިސްފައިވަނީ މޭޑް ރަނާސްގެ ޕެޓްރީޝިއާ ޑ. ގޮމޭޒް އެވެ.
ޑިސްކް ތްރޯއިން އިވެންޓުގެ ފިރިހެނުންގެ ބައިން ސިފައިންގެ ކްލަބުގެ ހަސަން ޝަމޫން އެއްވަނަ ހޯދިއިރު، އަންހެން ބައިން އެއްވަނައަށް އައިސްފައިވަނީ ކަސްޓަމްސް ރިކްރިއޭޝަން ކްލަބުގެ މަރިޔަމް ހުދާއެވެ.
ރިލޭ 400 މީޓަރުގެ އެއްވަނަ ފިރިހެން ޓީމަކަށް ސިފައިންގެ ކްލަބު އައިސްފައިވާއިރު އެ އިވެންޓުގެ އެއްވަނަ އަންހެން ޓީމަކަށް ހޮވިފައިވަނީ އޯލް ސްޓާއެވެ.
މުބާރާތުގެ ފިރިހެން ލޯންގް ޖަމްޕް އިން އެއްވަނައަށް އައިސްފައިވަނީ ސިފައިންގެ ކްލަބުގެ ހާފިޒް މުހައްމަދެވެ. ފިރިހެން 800 މީޓަރުގެ ދުވުމުން ސިފައިންގެ ކްލަބުގެ އަހުމަދު ހަސަން އެއްވަނައަށް އައިސްފައިވާއިރު އަންހެން 800 މީޓަރު ދުވުމުން އެއްވަނަ ހޯދީ އޯލް ސްޓާގެ އާމިނަތު ނަޒުރާ އެވެ.
މުބާރާތުގެ އެންމެ މޮޅު ޓީމަކަށް ދިވެހި ސިފައިންގެ ކްލަބް ހޮވިފައިވާއިރު މިއީ އެ ކްލަބުން އެއްވަނަ މަގާމު ހާސިލްކުރި ނުވަވަނަ ފަހަރެވެ. އަދި އެއްވަނައަށް ދިޔަ އަންހެން ޓީމަކީ އޯލް ސްޓާ އެވެ.