ކިޔެވް (އޮކްޓޯބަރ 27): ޔުކްރޭންގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގައި ޕާލަމެންޓްގެ ގިނަގޮނޑިތައް ރައީސް ޕެޓްރޯ ބޯޝިންކޯ ގެންގުޅުއްވާ ހުޅަނގަށް ބަރޯސާވުމުގެ ސިޔާސަތުތަކަށް ތާއީދުކުރާ ފަރާތްތަކުން ކާމިޔާބުކޮށްފި އެވެ.

ޔުކްރޭންގެ ޕާލަމެންޓްރީ އިންތިޚާބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވޯޓު މިހާރު ގުނާފައިވާއިރު ޕާލަމެންޓްގައި ޕާޓީތަކަށް ހަމަޖައްސާފައިވާ ގޮނޑިތަކުގެ ތެރެއިން 70 އިންސައްތަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ހުޅަނގަށް ބަރޯސާވުމުގެ ސިޔާސަތުތަކަށް ތާއީދުކުރާ ފަރާތްތަކުންނެވެ.

ރައީސް ބޯޝިންކޯގެ ޕާޓީން 22 އިންސައްތަ ގޮނޑި ކާމިޔާބުކޮށްފައިވާއިރު ބޮޑުވަޒީރު އަރްސިނީ ޔަތުސިނޯކްގެ ޕާޓީން 21 އިންސައްތަ ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ. އަދި ހުޅަނގަށް ތާއީދުކުރާ ސަމޯބުމިޗް މޫވްމަންޓުން 13 އިންސައްތަ ގޮނޑި ކާމިޔާބުކޮށްފައިވާއިރު ކުރީގެ ބޮޑުވަޒީރާ ޔޫލިޔާ ތިމޮޝިންކޯގެ ޕާޓީން ހަ އިންސައްތަ ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ. މި ހުރިހާ ޕާޓީތަކަކީވެސް ރައީސް ޕެޓްރޯ ބޯޝިންކޯ ގެންގުޅުއްވާ ހުޅަނގަށް ބަރޯސާވުމުގެ ސިޔާސަތުތަކަށް ތާއީދުކުރާ ޕާޓީތަކެވެ.

ޔުކްރޭންގެ ޕާލަމެންޓަށް 450 މެންބަރުން އިންތިޚާބުކުރުމަށް އިއްޔެ ބޭއްވި އިންތިޚާބުގައި ޕާޓީ ސިސްޓަމްގެ ތެރެއިން އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ 225 މެންބަރުންނެވެ. އަނެއް 225 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރާނީ ޕާޓީ ސިސްޓަމުން ބޭރުގައި ވަކިވަކި ދާއިރާތަކަށް ކުރިމަތިލާ މިނިވަން ކެންޑިޑޭޓުންގެ ތެރެއިންނެވެ. މިނިވަން ކެންޑިޑޭޓުންގެ ގޮނޑިތަކަށް ބަލާއިރު އަޣްލަބިއްޔަތު ލިބިފައިވަނީ ކޮން ފިކުރެއްގެ ބަޔަކަށްކަން އަދި ސާފެއް ނުވެ އެވެ.

ޔުކްރޭންގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ރައީސް ބޯޝިންކޯގެ ފިކުރުގެ ފަރާތްތަކަށް ލިބޭނެކަމަށް ކުރިންވެސް ވަނީ ބެލެވިފަ އެވެ. އަދި މި އިންތިޚާބަށް ބާރާއި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުވެސް ރައީސް ބޯޝިންކޯގެ ސަރުކާރުގެ މައްޗަށްވަނީ ކުރެވިފަ އެވެ.

ޕަލަމެންޓްގެ އަޣްލަބިއްޔަތު ލިބުމުން ބޯޝިންކޯއަށް އޭނާގެ ސިޔާސަތުތައް ތަންފީޒުކުރަން ފަސޭހަވެ ޔުކްރޭންގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރްސަތު ހުޅަނގަށް ލިބިގެންދާނެ އެވެ. ނަމަވެސް މިކަމުގެ ސަބަބުން ޔުކްރޭނާއި ރަޝިޔާއާ ދެމެދުގައިވާ މައްސަލަތައް އިތުރަށް ބޮޑުވެގެންދާނެ ކަމަށްވަނީ ބެލެވިފަ އެވެ.

ބޯޝިންކޯވަނީ ހުޅަނގާ ގާތްވުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރެވޭނީ އެކަމަށް ތާއީދުކުރާ ޕާލަމެންޓެއް ވުޖޫދަށް އައިސްގެން ކަމަށް ވިދާޅުވެ ހުޅަނގަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. (ރޮއިޓާސް)