އިރާގުގެ ވެރިރަށް ބަޣުދާދުގެ ދެކުނުގައިވާ އިރާގު ސިފައިންގެ ޗެކްޕޮއިންޓަކަށް ބަޔަކު ދިން ކާރުބޮމުގެ ހަމަލާއެއްގައި 11 ސިފައިން މަރާލައިފި އެވެ.

އެސޯސިއޭޓެޑްޕްރެސް ( އޭޕީ) ބުނީ، ހަމަލާ އަމާޒުވި ޗެކްޕޮއިންޓުގައި ތިބީ އިރާގު ސިފައިންނާއި ޝިޔާއީ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ކަމަށެވެ.

ބަޣުދާދުގެ ދެކުނުން 50 ކިލޯމީޓަރު ދުރުގައިވާ ސުންނީން ދިރިއުޅޭ އަވަށެއް ކަމަށްވާ ޖަރުފުއް ސަޚާރު ނަމަކަށް ކިޔާ ރަށުގައި މި ހަމަލާ ދީފައި ވަނީ އިސްލާމިކް ސްޓޭޓް( އައިއެސް) ގެ އަތް ދަށުން އިރާގު ސިފައިން އެރަށް ހޯދިތާ އެއް ދުވަސް ފަހުންނެވެ. ނަމަވެސް އެ ހަމަލާގެ ޒިންމާ އައިއެސް އަކުން އަދި އުފުލާފައެއް ނުވެއެވެ.

އިރާގު ސިފައިންނާ ހަވާލާދީ އޭޕީ ބުނީ، ގޮވާތަކެތިން ބަރުކޮށްފައިވާ ކާރު ދުއްވާފައި ގޮސް ޗެކްޕޮއިންޓްގައި ޖައްސައިގެން ދިން އެ ހަމަލާގައި މަރުވި މީހުންގެ އިތުރުން 23 މީހަކު ޒަހަމްވި ކަމަށެވެ.

ޖަރުފުއް ސަޚާރަކީ ބަޣުދާދުގައި އުޅޭ ޝިޔައީން އެމީހުންގެ މުގައްދަސް ރަށް ކަރުބަލާއަށް އާންމުކޮށް ދަތުރުކުރާ މަގު އެރަށުގެ ތެރެއިން ގޮސްފައިވާ އަވަށެކެވެ.