ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) ގެ މެމްބަރުންގެ އަދަދު 65،000 އަށް އަރާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމަށް ތިން އަހަރު ފުރުމާ ގުޅިގެން "ކާމިޔާބު 3" ފާހަގަކުރުމާ ގުޅޭ ގޮތުން މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެޕާޓީގެ މެމްބަރުންގެ އަދަދު 32،000 އަރާފައިވާއިރު 6000 ފޯމް އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޕާޓީއަށް ލިބިފައިވާ ފޯމްތަކާ އެކު 65،000 އަށްވުރެ މަތީގައި މެމްބަރުންގެ އަދަދު އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި މީހުން ރަޖިސްޓްރީކޮށްފައިވާ ޕޭޖަށް މިއަދު ނުވަދެވޭތީ ދަފްތަރުގެ މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

"ޕީޕީއެމް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައި. އެގޮތުން އެ ޕާޓީ ވުޖޫދަށް އައި ފަހުން ވާދަކުރި އިންތިހާބުތަކުގެ 95 ޕަސެންޓް އިންތިހާބު އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައި. އަދި ޕާޓީއަށް ތިން އަހަރު ފުރުނު އިރު ވެރިކަމުގައި އޮތީ ވެސް އަޅުގަނޑުމެންގެ ޕާޓީ (ޕީޕީއެމް) އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ޕީޕީއެމް އަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ދުނިޔޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށް ބެލިނަމަވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ކާމިޔާބީތައް ހޯދައިފައިވާ ޕާޓީއެއް ފެންނާކަށް ނެތް. މި ކާމިޔާބީތައް ހާސިލް ކުރެވިފައި މިއޮތީ އަޅުގަނޑުމެންގެ ޕާޓީގެ ހިތްވަރު ގަދަ އާއްމު މެމްބަރުންގެ ބުރަ މަސައްކަތާއި އަދި ޕާޓީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި އިހުތިރާމްގެ ސަބަބުން، އަދި މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޕާލިމަންޓް މެމްބަރެއްގެ ގޮތުގައި ހުންނެވިއިރުން ފެށިގެން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުން،" އަބްދުއްްރަހީމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވީ، ޕީޕީއެމުން ފާއިތުވި ތިން އަހަރު ހޯދައިފައިވާ ކާމިޔާބީއަކީ ދުނިޔޭގެ ތާރީހުގައި ވެސް ލިޔެވިގެންދާނެ ވަރުގެ ކާމިޔާބީއެއް ކަމަށެވެ. އަދި އެ ޕާޓީއަކީ އެންމެ ސައްހަ މެމްބަރުން ގިނަ އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހިންގަމުން ގެންދާ ހަމައެކަނި ޕާޓީ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ޕީޕީއެމްއަކީ ސިޔާސީ ގޮތުން ކުރިއަރަން ބޭނުންވާ ކޮންމެ ޒުވާނަކަށް ވެސް ކޮންމެ ވަކިވަކި ފަރުދަކަށް ވެސް ޕާޓީގެ ތެރެއިން ކުރިއެރުމުގެ ފުރުސަތު ދީގެން މަސައްކަތް ކުރާ ޕާޓީއެެއް ކަމަށެވެ.

ޕީޕީއެމްއަކީ އިންޓާނަލް ޑިމޮކްރަސީ ވަރަށް ވަރުގަދަ ޕާޓީއެއް ކަމަށާއި ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަދި އެނޫން ވެސް އެެއްވެސް ބޭފުޅެއްގެ ނުފޫޒު ފޯރުއްވާފައިނުވާ ކަމަށް އަދީބު ވިދާޅުވި އެވެ.

ޕީޕީއެމްގެ "ކާމިޔާބު 3" ފުރުން ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށާއި އެގޮތުން ތިން އަހަރު ފުރުމާ ގުޅިގެން ހާއްސަ ރެލީއެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ. މީގެއިތުރުން ދުވަހާއި ގުޅިގެން ރަށްރަށުގައި ޕާޓީގެ ބައްދަލުވުންތަކާއި ހިނގާލުންތައް މިއަދު ބާއްވާއިރު ޕާޓީގެ ދިދަ ރަށްރަށުގައި ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.