25 Jan 2011, 14:13
އައްޑޫގައި ސާކް ސަމިޓް ބޭއްވުމަށް އިމާރާތް ކުރާ ކޮންވެންޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް 150 މިލިއަން ރުފިޔާ އަށް އަމީން ކޮންޓްރަކްޝަންއާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ސާކް ސަމިޓް އައްޑޫގައި ބޭއްވުމަށްޓަކައި އަޅާ ކޮންވެންޝަން ސެންޓަރު އިމާރާތް ކުރުމަށް ބިޑް ހުޅުވާލުމުން ފަސް ފަރާތަކުން ކުރިމަތިލި ކަމަށާއި ނަމަވެސް ތިން ފަރާތެއް ކޮލިފައިވެ، އެ ތަނުން އެންމެ ކުޑަ އަގެއް ހުށަހެޅި އަމީން ކޮންސްޓްރަކްޝަނާ އެކު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަމީން ކޮންސްޓްރަކްޝަނާ އެކު ހައުސިން މިނިސްޓްރީން ނެގޯޝިއޭޓްކޮށްގެން އެ ކުންފުނިން ބިޑް ކުރި 210 މިލިއަން ރުފިޔާ 150 މިލިއަން ރުފިޔާ އަށް ކުޑަކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ކޮންވެންޝަން ސެންޓަރުގެ ޑިޒައިން އެ ކުންފުނިން ހުށަހެޅުމުން އެ ކުރެހުން މިނިސްޓްރީން ފާސްކޮށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ ސެންޓަރުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ނިންމާނެ ކަމަށް އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.
ނޮވެންބަރު މަހުގައި އައްޑު އާއި ފުވައްމުލަކުގައި ބާއްވާ ސާކް ސަމިޓަށް ދައުލަރުގެ ބަޖެޓުގައި 231 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، އައްޑޫ އަތޮޅު ހިތަދޫ މާމެންދޫ ސަރަހައްދުގައި އިމާރާތް ކުރާ ކޮންވެންޝަން ސެންޓަރު އެޅުމަށްޓަކާ 87000 އަކަފޫޓް ބިން ސާފު ކުރުމަށް ސަދަން ޔޫޓްލިޓީސް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.