ފައިނަލްގައި ބެލްޖިއަމްގެ ޑޭވިޑް ގޮފިން ބަލިކޮށް ސްވިޒަލޭންޑްގެ ތަރި ރޮޖާ ފެޑެރާ ހަވަނަ ފަހަރަށް ބާސެލް އޯޕަން ކާމިޔާބުކޮށްފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި ގޮފިންގެ މައްޗަށް ފެޑެރާ ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 6-2 އަދި 6-2 ންނެވެ. މި ކާމިޔާބީ އާއެކު ފެޑެރާ ވަނީ އޭޓީޕީ މެންސް ރޭންކިންގައި އެއްވަނައިގައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި ކައިރިއަށް ޖެހިލާފައެވެ.

މި ހަފްތާގައި ކުޅޭ ބީއެންޕީ ޕެރިސް މާސްޓާސް އަދި ސީޒަން ނިންމާލުމުގެ ގޮތުން ލަންޑަންގައި ކުޅޭ ފައިނަލްސް ގައި ރަނގަޅު ނަތީޖާ ތަކެއް ފެޑެރާ ނެރެފިނަމަ އެއްވަނަ ކުޅުންތެރިއާގެ ގޮތުގައި ސީޒަން ނިންމާލުމުގެ ފުރުސަތު ފެޑެރާ އަށް ލިބިގެން ދާނެއެވެ.

ރޭގެ މެޗުގައި ފެޑެރާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މިއީ މި ސީޒަންގައި އޭނާ ކާމިޔާބުކުރި ފަސް ވަނަ މުބާރާތެވެ. އަދި ޖެހިޖެހިގެން 12 މެޗު ބަލިނުވެ ހަމަކޮށްފައިވާ އުމުރުން 33 އަހަރުގެ ކުޅުންތެރިއާ ވަނީ މިއަހަރު މިހާތަނަށް 82 މެޗު ކާމިޔާބުކޮށްފައެވެ.

މެޗައްފަހު ޥާހަކަދައްކަމުން ދުނިޔޭގެ ދެވަނައަށް ރޭންކް ކުރެވިފައިވާ ކުޅުންތެރިއާ ބުނީ އަމިއްލަ ފަސްގަނޑުގައި އޮތް މުބާރާތް ކާމިޔާބު ކުރެވުމުން ވަރަށް އުފާ ވާކަމަށާއި މެޗު ތެރޭގައި އޭނާއަށް ހިތްވަރުދީ ސަޕޯޓް ކުރި ހުރިޙާ އެންމެނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

" މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ޚާއްސަގޮތެއްގައި އަމިއްލަ ފަސްގަނޑުގައި ހަވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރެވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ. މުބާރާތް ކުރިއަށް ދިޔައިރު އަހަރެންނަށް ލިބުނު ސަޕޯޓާމެދު ވަރަށް ފަހުރުވެރިވަން. މި ކާމިޔާބީގައި އަހަރެން އެހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން." ފެޑެރާ ބުންޏެވެ.

ފެޑެރާ ބުނީ، މިއަހަރަކީ ކާމިޔާބު އަހަރެއް ކަމަށާއި ކުރިއަށް އޮތް ހަފްތާ ތެރޭގައި ޓެނިހުގެ ދުނިޔެ ވަރަށް ޝައުގުވެރިވެގެންދާނެ ކަމަށެވެ. އަދި މައިގަނޑު އަމާޒަކީ އެއްވަނަ ކުޅުންތެރިއާގެ ގޮތުގައި އަހަރު ނިންމާލުން ނޫންކަމަށާއި ބޭނުންވަނީ ސްވިޒަލޭންޑަށް ޑޭވިސް ކަޕް ކާމިޔާބުކޮށްދިނުން ކަމަށް އޭނާ ބުންޏެވެ.