27 Oct 2014, 15:47
ލ. އަތޮޅު ފުޓުބޯޅަ މުބާރާތުގައި އިއްޔެ ލ. ގަމު ތުނޑީ އަވަށުގެ ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމެންޓް އެންޑް ރިކްރިއޭޝަން ކްލަބާއި ބައްދަލު ކުރި މެޗުން 2-4 ލަނޑުން މާބައިދޫ ޒުވާނުންގެ ޖަމިއްޔާ ކާމިޔާބުކޮށްފި އެވެ.
މެޗުގެ ފުރަތަމަ ގޯލު މާބައިދޫ އިން ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ޓީމުގެ އަހުމަދު އަސްލަމް އެވެ. އޭގެ 11 މިނެޓުފަހުން ތުނޑީ ޓީމަށް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ އަހުމަދު ހަލީމް އެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ތުނޑީ ޓީމުން ވަނީ ދެވަނަ ގޯލެއް ޖަހައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ގޯލު ޖަހާފައިވަނީ އެ ޓީމުގެ އަހުމަދު ވިޝާމް އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާބައިދޫގެ ހަސަން ނިޔާޒް ވަނީ ލަނޑެއް ޖަހައި ހާފް ނިމުމުގެ ކުރިން 2-2 ލަނޑުން ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެވަނަ ހާފުގެ ކުރީ ކޮޅުގައި ދެ ޓީމުން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 80 ވަނަ މިނިޓުގައި މާބައިދޫގެ ހަސަން ނިޔާޒް ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑާއެކު މާބައިދުއަށް މެޗުގެ ކުރި ހޯދައިދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ނިޔާޒު އެވެ.
މާބައިދޫގެ ހަތަރުވަނަ ގޯލު މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގައި އެޓީމަށް ޖަހައިދިނީ އަބްދުﷲ ފާރިޝް އެވެ.