އިންޑިއަން ސުޕަ ލީގު ތާވަލުގެ ފުލުގައި އޮތް ގޯއާ އެފްސީ ގެ މައްޗަށް އެފްސީ ޕޫނޭ އިން ކުރިހޯދައިފި އެވެ.

ޝްރީޝިވް ޗަތުރަޕަތީ ސްޓޭޑިއަމްގައި ކުޅުނު މެޗު އެފްސީ ޕޫނޭ އިން ކާމިޔާބު ކުރީ 2-0 ންނެވެ. މެޗުގައި ޕޫނޭ އިން ޖެހި ފުރަތަމަ ގޯލް ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް 42 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޕޫނޭ އަށް ކުޅެމުން އަންނަ ގްރީސްގެ ކުޅުންތެރިއާ ކޮސްޓާސް ކެޓްސޫރަނިސް އެވެ.

އަދި ދެވަނަ ގޯލް 81 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ މަޝްހޫރު ޑޭވިޑް ޓްރެޒެގޭ އެވެ. މި މޮޅާއެކު ޕޫނޭ އެފްސީ އިން ވަނީ ހަތަރު ޕޮއިންޓާއެކު ސުޕަ ލީގުގެ ފަސްވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ގޯއާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައެވެ.

މެޗުގައި ދެޓީމަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވެއެވެ. މިގޮތުން ފުރަތަމަ ހާފުގައި ޓްރެޒެގޭ ފޮނުވާލި ހަމަލާ ގޯއާގެ ކީޕަރު ދިފާއުކުރި އިރު އެޓީމުގެ އީވާން ބޮލާޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ގޯއާގެ ފަރާތުން ދެވަނަ ހާފުގައި ރަނގަޅު ކުޅުމެ ފެނިގެން ދިޔައިރު މެޗު ނިމެން ކައިރިވެފައި ވަނިކޮށް އެޓީމުގެ ސަންޓޯސް ފޮނުވާލި ހަމަލާ ގޯލްގެ އަރިމަތިން ބޭރަށް ދިޔައިރު އަޝޫތޯޝް މެހްތާގެ ހަމަލާ ޕޫނޭގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ސުޕަ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައި ނުވުމުން ގޯއާގެ މެނޭޖަރު ޒިކޯގެ އިތުރުން އެޓީމުގެ ސަޕޯޓަރުންވެސް ތިބީ މާޔޫސްވެފައެވެ. ސުޕަ ލީގުގައި ދެން ގޯއާ ނުކުންނާނީ ކެރެލާގެ ޓީމާ ދެކޮޅަށެވެ. އަދި ޕޫނޭ ނުކުންނާނީ މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައިވާ އެތުލެޓިކޯ ޑި ކޮލްކަތާއާ ދެކޮޅަށެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.