27 Oct 2014, 15:41
ދިރާގު ދިވެހި ލީގުގެ ކޮލިފިކޭޝަންގެ މެޗުތައް މިއަދު ހަވީރު ފަށާއިރު މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް އެވެ. ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ މިއަދު ހަވީރު 4:00ގައެވެ.
ކޮލިފިކޭޝަންގައި ހަތަރު ޓީމެއް ވާދަކުރާނެ އެވެ. އެއީ ދެވަނަ ޑިވިޝަނުން ދެ ކްލަބަކާއި ފުރަތަމަ ޑިވިޝަނުން ދެ ކްލަބެވެ.
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން ޓީސީ ސްޕޯޓްސް ކްލަބް ކޮލިފިކޭޝަނުން ޖާގަ ހޯދިއިރު ދެން ފުރުސަތު ހޯދި ޓީމަކީ ދެވަނަ ޑިވިޝަން ފައިނަލުގައި ޓީސީ އަތުން ބަލިވެ ދެވަނަ ހޯދި ޔުނައިޓެޑް ވިކްޓްރީ އެވެ.
ފުރަތަމަ ޑިވިޝަނުން ވާދަކުރާ ދެކްލަބަކީ ދިވެހި ލީގުގެ ދެވަނަ ބުރު ނިމުނުއިރު ތާވަލުގެ އެންމެ ފުލުގައިވާ ދެޓީމް ކަމުގައިވާ ބީޖީ އާއި އޯލްޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.
ކޮލިފިކޭޝަންގައި ވާދަކުރާ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅޭނެ އެވެ. އަދި ހުރިހާ މެޗުތައް ކުޅެނިމޭއިރު ޕޮއިންޓްގެ ގޮތުން އެންމެ ކުރީގައި އުޅޭ ދެޓީމް އަންނަ ސީޒަންގެ ދިވެހި ލީގަށް ކޮލިފައިވާނެ އެވެ.
ކޮލިފިކޭޝަންގެ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ހަވީރު އޭވައިއެލް އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރާނެ އެވެ. މި މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ.