އިންޑިއަން ސުޕަ ލީގުގައި ވާދަކުރާ އެފްސީ ގޯއާ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލަނޑު ޖަހައިދޭނެ ކުޅުންތެރިއެއް ނެތުން ކަމަށް އެޓީމުގެ ކޯޗު، ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ ޒިކޯ ބުނެފި އެވެ.

މިހާރު ކުރިއަށްދާ ސުޕަ ލީގުގައި އިއްޔެ ޕޫނޭ އެފްސީއާ ވާދަކޮށް ބަލިވި މެޗައްފަހު ވާހަކަ ދައްކަމުން ޒިކޯ ބުނީ، ފުޓްބޯޅައިގައި ހުރިހާވެސް ކަމަކީ ލަނޑު ޖެހުން ކަމަށާއި އޭނާގެ ޓީމުގައި ލަނޑު ޖަހައިދޭނެ ފެންވަރުގެ ކުޅުންތެރިއެއް ނެތްކަމަށެވެ. އަދި ސުޕަ ލީގުގައި އެޓީމު ނެރެމުންދާ ދަށް ނަތީޖާ ތަކުގެ ސަބަބަކީ މިކަން ކަމަށާއި ޓީމަށް މިވަގުތުން މިވަގުތަށް ވެސް ލަނޑު ޖަހައިދޭނެ ކުޅުންތެރިއެއް ބޭނުންވާ ކަމަށެވެ.

" ޓީމުން މިހާރު މަދުވަނީ އެންމެ ކަމެއް. އެންމެ މުހިއްމު ކަންތައް. އެއީ ޓީމުގެ ފޯވަޑް ލައިން ލީޑް ކޮށް ގިނަ ލަނޑު ޖަހައިދޭނެ ކުޅުންތެރިއެއް. މިވަގުތުން މިވަގުތަށް ޓީމަށް އެބަ ބޭނުންވޭ އެކަހަލަ ކުޅުންތެރިއެއް. އެންމެނަށް އިނގޭނެހެން މި ކުޅިވަރުގައި އެންމެ މުހިއްމު ކަމަކީ ލަނޑު ޖެހުން. އަހަރެންނަކަށް ހިއެއް ނުވޭ މިޓީމުގައި އެބަހުރިހެން އެފަދަ ކުޅުންތެރިއެއް." ޒިކޯ ބުންޏެވެ.

ޒިކޯ ބުނީ، އެންމެ ފަހުން ސުޕަ ލީގުގައި ޕޫނޭ އެފްސީ އަތުން ބަލިވި މެޗުގައި އޭނާގެ ޓީމަށް ލަނޑު ޖަހާނެ ފުރުސަތު ތަކެއް ލިބުނު ކަމަށާއި މެޗުން ބަލިވީ އެ ފުރުސަތުތައް ލަނޑުތަކަކަށް ބަދަލުކޮށްނުލެވުމުގެ ސަބަބުން ކަމަށެވެ. އަދި ލީގުގައި ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާ ތަކެއް ނެރެން ބޭނުންވާނަމަ ޓީމުގެ ސްކޯރިންގް ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

" ޕޫނޭ މެޗުގައިވެސް ލަނޑު ޖަހާނެ ބައިވަރު ފުރުސަތުތަކެއް އަހަރުމެންނަށް ލިބުނު. އެކަމަކު އެއިން ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވި. ލީގުގައި ރަނގަޅު ހިސާބަކަށް ދާން ބޭނުން ނަމަ އެބަ ޖެހޭ ގިނަ ލަނޑު ޖަހައި ޓީމުގެ އެޓޭކިންގް ފޯސް ވަރުގަދަ ކުރަން،" ޒިކޯ ބުންޏެވެ.

އިންޑިއަން ސުޕަ ލީގުގައި ރޭ ޝްރީ ޗަތްރަޕަތީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕޫނޭ އެފްސީ އާ ވާދަކޮށް ޒިކޯ ކޯޗުކަން ކުރަމުން އަންނަ ގޯއާ އެފްސީ ބަލިވީ 2-0 ންނެވެ. އެޓީމު އޮތީ އެއް ޕޮއިންޓާއެކު ސުޕަ ލީގު ތާވަލުގެ އެންމެ ފުލުގައެވެ.