އަނގައިގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިކޮށްދޭ ސިނގިރޭޓަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. ސިނގިރޭޓު ބޯންފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއަށް އަވަލައި ކަށީގައި ހިފާފައިވާ ނުބައި އާދައަަކަށް ވެގެންދެ އެވެ. އެއީ އޭގައި ހުންނަ ނިކޮޓިން ބައިގެ ސަބަބުންނެވެ. ސިނގިރޭޓު ބުއިން ހުއްޓާލުން ކިތަންމެ އުނދަގޫވިޔަސް އެއީ ނުވާނެ ކަމެއް ނޫނެވެ. ބޭނުންވަނީ ސިނގިރޭޓު ބުއިން ހުއްޓާލުމުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ މައުލޫމާތާއި ވަރުގަދަ އަޒުމެކެވެ.

މި ލިޔުމުގައި ސިނގިރޭޓު ބުއިން ހުއްޓާލާތާ 20 މިނެޓުން ފެށިގެން ހަށިގަނޑަށް އަންނަ ރަނގަޅު ބަދަލުތައް ކިޔައިދީފައި ހުންނާނެވެ.

ސިނގިރޭޓު ބުއިން ހުއްޓާލާތާ ވިހި މިނިޓް ތެރޭ ހަށިގަނޑުގައި ދައުރުވަމުން އަންނަ ލޭގެ ޕްރެޝަރު އަސްލު ހުންނަންވީ ވަރަށް ތިރިވެއެވެ. އޭގެ އިތުރުން ހަށިގަނޑުގެ ފިނިހޫނު މިނާއި ހިތުގެ ވިންދުވެސް ލަސްވެ އަސްލު ހުންނަށްވީ ވަރަށް ތިރިވެ އެވެ. ސިނގިރޭޓެއް ދަމާލާ އެންމެ ފަހު ނޭވާއަށް އަށް ގަޑިއިރު ވުމާ ދޭތެރޭ އަނގައިގައި ހުންނަ ނުބައި ވަސް ފިލައިގެންދެއެވެ. ގައިގައި ހުންނަ ލޭ ސާފުވެ ލޭގައި ހުންނަ ކާބަން މޮނޮކްސައިޑް ލެވެލް ދަށްވެއެވެ. ކާބަން މޮނޮކްސައިޑް އަކީ ކާރުތަކުގެ އިންޖީނުން ދޫކުރާ ދުމުގައި ވެސް ހިމެނޭ ވަރަށް ނުރައްކާތެރި ގޭހެކެވެ. މި އަށް ގަޑިއިރު ތެރޭގައި ލޭގައި ހުންނަ އޮކްސިޖަން ލެވެލް ވެސް މަތިވެއެވެ.

ސިނގިރޭޓު ނުބޯތާ 24 ގަޑިއިރު ތެރޭ ހާޓް އެޓޭކްއެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. އަދި ސިނގިރޭޓުގެ ދުމުން ފުއްޕާމެއަށް ލިބިފައި ހުރި ގެއްލުން ވެސް މަޑުމަޑުން ފޫބެއްދެން ފަށައެވެ. 48 ގަޑިއިރު ތެރޭގައި ސިނގިރޭޓުގެ ސަބަބުން ގެއްލުން ލިބިފައިހުރި ނާރުތައް ވެސް މަސައްކަތްކުރަން ފަށައެވެ. ކާއެއްޗެހީގެ ރަހަ އަށާއި އެއްޗެހިން ދުވާ ވަހަށް ވެސް ބަދަލުތަކެއް އަންނަން ފަށައެވެ. އެއްޗެހީގެ ވަސް ރަނގަޅަށް ދެނެގަނެވި ކާހިތް ޖެހޭނެ އެވެ.

ސިނގިރޭޓު ބުއިން ހުއްޓާލާތާ ތިން ދުވަސް ތެރޭ ފުއްޕާމެއަށް ލުއިތަކެއް ލިބޭކަން ފާހަގަ ކުރެވޭނެ އެވެ. ނޭވާލާން ފަސޭހަވެ ކުޑަ ތަންކޮޅަކަށް ދުވެލުމުން ކުރިން ނޭވާ ހާސްވާހެން މިހާރަކު ނޭވާ ހާހެއް ވެސް ނުވާނެ އެވެ. ދެ ހަފްތާއާ ތިން މަހުގެ ތެރޭ ހަށިގަނޑުގައި ލޭ ދައުރުވުން ކުރިއަށް ވުރެ ރަނގަޅުވެއެވެ. ހިނގަން ފަސޭހަވެ ތިރީސް ޕަސެންޓަށް ފުއްޕާމޭ މަސައްކަތްކުރަން ފަށައެވެ. ކޮންމެ ދުވަހަކުވެސް ކަސްރަތުކޮށް އެ އާދަ ހަރުލެއްވުމަކީ މިދުވަސްކޮޅު ކުރަން ވަރަށް ރަނގަޅު ކަމެކެވެ. އެއް މަހާ ނުވަ މަހާ ދޭތެރޭ ކެއްސުން މަދުވެ އެވެ. ސިނގިރޭޓު ބުއިމުން ގެއްލުންވެފައި ހުރި ފުއްޕާމޭ ސާފުކުރަން ގުދުރަތީ ގޮތުން ފުއްޕާމޭގައި ހުންނަ "ސިލިއާ" އަނެއްކާ ވެސް މަސައްކަތްކުރަން ފަށައެވެ. އޭގެ ސަބަބުން ފުއްޕާމޭ އަމިއްލައަށް ސާފުވެ ފުއްޕާމޭގައި ޖަރާސީމު އަށަގެނުން ކުޑަވެއެވެ.

ސިނގިރޭޓު ބުއިން ހުއްޓާލާތާ ފަސް އަހަރާ ގާތް ވުމުން ފުއްޕާމޭގެ ކެންސަރު ޖެހުމަށް އޮތް ބިރު ދެބައިކުޅަ އެއްބަޔަށް ކުޑަވެއެވެ. ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑަވެއެވެ. އޭގެއިތުރުން ސިނގިރޭޓު ބޯމީހަކާ އަޅާކިޔާއިރު ސިނގިރޭޓު ހުއްޓާލިތާ ފަސް އަހަރުވާ މީހަކަށް އަނގައިގެ ކެންސަރާއި ކަރުގެ ކެންސަރު ޖެހުމުގެ ފުރުސަތުވެސް ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދެއެވެ. ސިނގިރޭޓު ބުއިން ހުއްޓާލާތާ ދިހަ އަހަރުވުމާ ގާތްވުމުން، ލަންގް ކެންސަރު ޖެހުމުގެ ފުރުސަތި އޮތީ ދުވަހުކުވެސް ސިނގިރޭޓް ނުބޯ މީހަކާ އެއް ހަމައެއްގައެވެ. ސިނގިރޭޓު ދުމުގެ ސަބަބުން ފުއްޕާމޭގައި ހަލާކުވެފައި ހުރި "ޕްރީކެންސަރަސް" ސެލްތައް އާ ވެއެވެ. ފަނަރަ އަހަރު ސިނގިރޭޓާ ދުރުގައި ހޭދަކުރުމުން ކޮރޮނަރީ ހާޓް ޑިސީސް ނުވަތަ ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮންނާނީ ދުވަހަކުވެސް ސިނގިރޭޓެއް ނުބޯ މީހެއްގެ ވެސް އޮންނަ ވަރަށެވެ.

މި ލިޔުން ކިޔާލުމުން ސިނގިރޭޓު ހުއްޓާލަން ބޭނުންވާ ދެކަންތަކުގެ ތެރެއިން އެއް ކަންތައް ނިމުނީ އެވެ. ދެން އޮތީ ވަރުގަދަ އަޒުމެއް އާ ކުރުމެވެ. އެ އަޒުމުގައި ހިފަހައްޓައި ސިނގިރޭޓުގެ ނުރައްކާތެރި ވަބާ އިން ސަލާމަތްވާށެވެ.

މައުލޫމާތު: އިނގިރޭސިވިލާތުގެ ނޫހެއް-- ހަފިންގްޓަން ޕޯސްޓް