27 Oct 2014, 14:39
ޗައިނާގެ އަންހެނަކު އޭނާގެ ލޯބިވެރިޔާ ވަކިވުމުން އެކަމުގެ ހިތާމައިގައި ހަފްތާއެއް ވަންދެން މަޝްހޫރު ފާސްފުޑް ރެސްޓޯރަންޓް ކޭއެފްސީގައި ހޭދަކޮށްފި އެވެ.
އުމުރުން 26 އަހަރުގެ ޓޭން ޝެން ނަމަކަށް ކިޔާ އެ އަންހެން މީހާ ޗައިނާގެ ޗެންގޑޫގައި 24 ގަޑިއިރު ހުޅުވާފައި ހުންނަ ކޭއެފްސީގައި ހަތް ދުވަސް ހޭދަކޮށްފައި ވަނީ ލޯބިވެރިޔާ ރުޅިވުމާ ގުޅިގެން އެކަމާއި ދޭތެރޭ ވިސްނަން ބޭނުންވާތީ ކަމުގައި ޔާހޫ އާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.
ލޯބިވެރިޔާއާ ރުޅިވުމަށްފަހު ގެޔަށް ދިޔަ މަގުމަތީ ކޭއެފްސީގައި މަޑުކުރީ ކެއުމަށް ކަމަށާއި އެހެންނަމަވެސް ކާން ފެށުމަށް ފަހު އޭނާ ލޯބިވެރިޔާއާ ރުޅިވި މައްސަލައާ ދޭތެރޭ ވިސްނަން ވަގުތު ބޭނުންވާކަމަށް ނިންމައި މަޑުކޮށްލީ ކަމުގައި އޭނާ ބުނެފައިވެ އެވެ.
އެގޮތުން އޭނާ ވަޒީފާ އަދާކުރާތަނަށް ގުޅައި ބަލިވެގެން ނާދެވޭނެ ކަމުގައި އަންގާފައި ވާނެކަމަށްވެސް އޭނަ ބުންޏެވެ. ހަމަ އެހެންމެ ކުރިން ދިރިއުޅުނު އެޕާޓްމެންޓަށް ނުދިޔުމަށް ގަސްތުކުރީ އެތަނުގައި ލޯބިވެރިޔާގެ ހަނދާންތައް ވާތީ ކަމުގައި ވެސް އޭނާ ބުނެފައިވެ އެވެ.
ކޭއެފްސީގައި މަސައްކަތްކުރާ މުވައްޒަފުން ހާމަކޮށްފައިވާ ގޮތުގައި އެމީހުންނަކީ ދަންފަޅި ބަހާލައިގެން މަސައްކަތްކުރާ ބަޔަކަށް ވަތީ މި އަންހެންމީހާ ފުރަތަމަ ކޮޅުގައި ފާހަގަ ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ތިންވަނައަށް ވީ ދުވަހު އެމީހުންނަށް އެކަން ފާހަގަ ކުރެވުމާއި ގުޅިގެން އޭނާ ރަނގަޅު ތޯ ސުވާލުކުރުމުން އޭނާ އިތުރަށް ކާއެއްޗެއްސަށް އޯޑަރު ދީފައި، އިތުރަށް ވިސްނަން ވަގުތު ބޭނުންވާ ކަމުގައި ބުނެފައިވާ ކަމުގައިވެ އެވެ.
ހަފްތާއެއް ވަންދެން ކޭއެފްސީގައި މަޑުކުރުމަށްފަހު އެނާއަށް ވިސްނުނީ އެ ސިޓީ ދޫކޮށް އޭނާގެ މައިންބަފައިންގެ ގާތަށް ދިޔުން ކަމުގައި އެ އަންހެން މީހާ ބުނެފައިވެ އެވެ.