27 Oct 2014, 14:24
ނުވަދިހައިގެ އަހަރުތަކެ ތެރޭގައި މަޝްހޫރު ވެގެން ދިޔަ ޗެޓްރޫމްތައް ކަހަލަ އެޕެއް ފޭސްބުކް އިން "ރޫމްސް" ގެ ނަމުގައި ތައާރަފްކޮށްފި އެވެ. މި އެޕް ފޭސްބުކް އިން ތައާރަފް ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މި އެޕްގެ ސަބަބުން ކޮންމެ މީހަކަށް ވެސް އެމީހެއްގެ އިންޓްރެސްޓް އާއި ގުޅޭ ގޮތުން ގްރޫޕެއް ހަދައިގެން ވާހަކަދައްކައި ހެދޭނެ އެވެ. އަދި ބޭނުން ނަމަ އެމީހަކު ބޭނުންވާ މައުލޫއެއްގެ ގްރޫޕަކާ ބައިވެރިވެ ހިޔާލު ބަދަލު ކުރެވޭނެ އެވެ. މީގެ އިތުރުން ޗެޓް ލޮގްގެ ބެކްގްރައުންޑް ޕޮޓޯ ބަދަލުކޮށް، ބޭނުން ޔޫސާނޭމެއް ވެސް "ރޫމްސް" ގައި ބޭނުން ކުރެވިދާނެ އެވެ. އަދި ހަމަ އެއާ އެކު ގްރޫޕްގައި ފޮޓޯ އާއި ވީޑިއޯ ވެސް ގްރޫޕްގެ އެހެން ބައިވެރިންނާ ހިއްސާކޮށްލެވެ އެވެ. ގްރޫޕްގެ ކްރިއޭޓަރު ބޭނުން ނަމަ ގްރޫޕް ޕްރައިވެޓް ކޮށް ވަކި ބަޔަކަށް އެކަނި ބައިވެރިވެވޭނެ ހެން ވެސް ބެހެއްޓިދާނެ އެވެ. ގްރޫޕް އޯޕަންކޮށް ބެހެއްޓުމުން ބޭނުން ކޮންމެ މީހަކަށް އެގްރޫޕެއްގައި ބައިވެރި ވެވޭނެ އެވެ. ނަމަވެސް ރޫމްސްގެ ގްރޫޕް ތަކުގައި ހުންނަ ޕޯސްޓް ތަކަކީ ޕަބްލިކް ޕޯސްޓް ތަކެކެވެ.
ފޭސްބުކް އަށް 10 އަހަރު ފުރިގެން ދިޔައިރު، ފޭސްބުކްގެ ސޯޝަލް މީޑިއާ އަކީ އެންމެ އަވަހަށް މީހުންގެ މެދުގައި މަގުބޫލުވެގެން ދިޔަ އެއް މީޑިޔާ އެވެ. ކުރިން ފޭސްބުކް ބޭނުން ކުރަމުން ދިޔައީ ތަންކޮޅެއް ހަރު މީހުން ކަމުގައި ވިޔަސް މިހާރުގެ ފޭސްބުކްގެ ފަރުމާ އާއި ފީޗާސް ތަކުން ވަނީ ދުނިޔޭގެ ހުރިހާ ޒުވާނުންގެ މެދުގައި ބޭނުން ކުރެވޭ އެއް ވަސީލަތަކަށް ވެފައެވެ. އިންސްޓަގްރާމް އާއި ވަޓްސްއަޕް ވެސް ފޭސްބުކް އަށް ގެނައީ އެ މަގްސަދުގަ އެވެ. މީގެ އިތުރުން ސްނެޕްޗެޓް އާއި އެއްވައްތަރު އެޕެއް ކަމަށްވާ "ޕޯކް" 2012 ވަނަ އަހަރު ފޭސްބުކް އިން ވަނީ ތައާރަފް ކޮށްފަ އެވެ. އަދި މިއަހަރު ކުރީ ކޮޅު "ސްލިންގްޝޮޓް" ކިޔާ އާ އެޕެއް ވެސް ފޭސްބުކް އިން ތައާރަފްކުރި އެވެ.
ފޭސްބުކްގައި ބޭނުން ބަޔަކަށް އެކައުންޓް ހަދައި ބޭނުން ކުރެވޭ ގޮތަށް ކުރީން އޮތް ނަމަވެސް، ފޭސްބުކް އިން ފަހުން ވަނީ ފޭކް އެކައުންޓް ތަކުގަ އާއި އަސްލުނަން ނޫން ނަންނަމުގައި އެކައުންޓް ބޭނުން ނުކުރެވޭނެ ހެން ފޭސްބުކްގެ ޕްރައިވެސީ ވަރުގަދަކޮށްފަ އެވެ. ނަމަވެސް "އެނޮނިމަސްލީ" ކޮށް ވެސް ޗެޓްކޮށްލައި ހިޔާލު ބަދަލުކޮށްލައި ހަދަން ބޭނުންވާ މީހުންގެ ޑިމާންޑް ބޮޑުވުމާ އެކު ފޭސްބުކްއިން "ރޫމްސް" ތައާރަފު ކުރީ އެބޭނުމުގަ އެވެ. ރޫމްސް ގައި އަސްލު ނަން ކޮންމެހެން ބޭނުން ކުރާކަށް ނުޖެހެ އެވެ. އަދި އޭގެ އިތުރުން ކޮންމެ ޗެޓްރޫމެއްގައި ވެސް ބޭނުން "ނިކްނޭމެއް" ބޭނުން ކުރެވިދާނެއެވެ.
މަސްދަރު: ސީއެންއެން