ރ. މީދޫ އިން "ޖިހާދަށް" ކަމަށް ބުނެ ސީރިއާއަށް ދިޔަ ކަމަށް ބެލެވޭ މީދޫ، ސިލްވަމޫން ގޭ އާއިލާއާއި ގާތް ގުޅުމެއް އޮންނަ ރ. މަޑުއްވަރީ، ހުސެއިން ޝިޔާދު، 23، ހަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ.

މަޑުއްވަރީ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ތަސްލީމް މިއަދު 'ސަން'އަށް ވިދާޅުވީ، މީދޫ އެ އާއިލާއާ ގުޅުން އޮންނަ ޝިޔާދުގެ ހަބަރެއް ނުވެގެން އޭނާގެ ބައްޕަ އެ ކައުންސިލަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

"އޭނާގެ ބައްޕަ އެބަ ބުނޭ އެ ވެދާނޭ އެމީހުންނާއެކު (މީދޫ އާއިލާ) ޖިހާދަށް ދިޔައީކަމަށް ވެސް،" ތަސްލީމް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުސެއިން ޝިޔާދުގެ ހަބަރެއް ނުވެގެން މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އަދި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އޭނާ ރާއްޖެއިން ބޭރަށް ފުރިކަން ނުވަތަ ނުފުރާކަންވެސް އަދި ވަނީ ސާފްވާގޮތް ނުވެފައެވެ.

ރ. މީދޫ، ސިލްވަމޫން، އުމުރުން 23 އަހަރުގެ އަހުސަން އިބްރާހިމް މާލެ އައީ އޭނާގެ މަންމައާއި ކޮއްކޮ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ ކަމަށާއި ނަމަވެސް މިހާރު އެމީހުން ތިބީ ރާއްޖެއިން ބޭރުގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ބުނެފައިވާ ކަމަށް އަހުސަންގެ ބައްޕަ އިބްރާހިމް އަލީ ވަނީ މީގެ ދުވަސް ކުރިން 'ސަން'އަށް ބުނެފައެވެ.

މީދޫ ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލުން ފުލުހުންނަށް ހުށަހަޅައިގެން ބެލިބެލުމުން މި މަހުގެ ފަސް ވަނަ ދުވަހު އެމީހުން ވަނީ ތުރުކީއަށް ގޮސްފަ އެވެ.