ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިހާރު ކުރިއަށްދާ ހަވަނަ ދިރާގު ޤައުމީ ބާސްކެޓް ލީގުގައި ކުޅުނު ދެވަނަ މެޗުންވެސް ޓީރެކްސް މޮޅުވެއްޖެ އެވެ.

މޮޅު ކުޅުންތެރިން ގިނަ އަދަދަކަށް ހިމެނޭ ޓީރެކްސް ރޭ މޮޅުވީ ރެޑްލައިން ކްލަބާއި ވާދަކޮށް 70 ޕޮއިންޓް 81 ޕޮއިންޓުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްއަށް 13 ޕޮއިންޓް ހޯދައިދިން އަޙްމަދު ފިރާޝް އެވެ.

ހަތަރު ޓީމުގެ މެދުގައި ކުރިއަށްދާ މުބާރާތުގައި މިހާތަނަށް ތިން މެޗު ކުޅުނުއިރު ޓީރެކްސް ވަނީ ދެމެޗުން މޮޅުވެ ތާވަލުގެ ކުރީގައެވެ. ދިވެހި ސިފައިންގެ ކްލަބް ކުޅުނު ހަމައެކަނި މެޗުން މޮޅުވެފައިވާއިރު ހަރިކޭން ވަނީ ކުޅުނު މެޗުން ބަލިވެފައެވެ. އަދި ރެޑްލައިން ވަނީ ކުޅުނު ދެމެޗުންވެސް ބަލިވެ ފުލުގައެވެ.

ހަތަރު ޓީމުގެ މެދުގައި ދެ ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމަށް ޗެމްޕިއަންކަން ލިބޭއިރު މި ހަތަރު ޓީމުވެސް ގައުމީ މުބާރާތަށް ކޮލިފައިވާނެ އެވެ.