27 Oct 2014, 14:03
މާލޭގެ މަގުތަކުގައި އަނެއްކާވެސް ފެންފޯއް ރުއް އިންދަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު މިއަދު ވިދާޅުވީ، މަޖީދީމަގުގައި އިންދާފައި ހުރި ފެންފޯއް ރުއްތައް މިމަހުގެ 22 އަދި 23 ވަނަ ދުވަހުގެރޭ ބަޔަކު މީހުން ކެނޑި މައްސަލަ އެކަން ހިނގުމާއެކު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މަޖީދީމަގުގައި ޖަހާފައި ހުރި ފެން ފޯއް ރުތައްކުގެ ތެރެއިން 30 ރުއް ކެނޑުމާ ގުޅިގެން އިތުރު ފެން ފޯއް ރުއްތަކެއް އިންދަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބައެއް ރަށްރަށުގެ ކައުންސިލުން ވަނީ ޔަގީންކަން ދީފައި ފެންފޯއް ރުއް ލިބޭނެ ކަމަށް. ނުލިބޭނަމަ ރާއްޖޭން ބޭރުން ވެސް ގެންނަން ނިންމާފައިވަނީ،" ޝިހާބު ވިދާޅުވި އެވެ.
ޝިހާބު ވިދާޅުވީ، މާލެ ފެހި ކުރަންޖެހޭ ކަންތައްތައް ސިޓީ ކައުންސިލުން ކުރަމުންގެންދާނެ ކަމަށާއި ފެން ފޯއްރުކުގެ އިތުރުން ތަފާތު އެހެނިހެން ގަސްގަސް ވެސް މާލޭގެ އެކި ސަރަހައްދު ތަކުގައި އިންދާނެ ކަމަށެވެ.
ފެންފޯއް ރުއްތައް ކެނޑި މައްސަލައާ ގުޅިގެން ސިޓީ ކައުންސިލުން ނެރެފައިވާ ނުސްބަޔާނެއްގައި ބުނެފައިވަނީ މާލޭގެ އެންމެ ބޮޑު މައި މަގުގައި ހުރި ފެންފޯއްރުއްތައް ކަނޑާފައިވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކަމަށެވެ.
ފެންފޯއް ރުއްތަށް ކެނޑި މީހުންނާއި އަދި އެކަން ހިނގި ގޮތުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކުން އެކަން ކައުންސިލާއި ޕޮލިހަށް ހިއްސާ ކުރުމަށް ވެސް އެބަޔާނުގައި އެދިފައިވެ އެވެ.
މީގެއިތުރުން ވެސް އެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކޮށްދިނުމަށް، ޕީޖީން ފުލުހުންގެ މައްޗަށް އަމުރެއް ނެރުމަށް ވެސް އެބަޔާނުގައި އެދިފައިވެ އެވެ.