ކ. ގާފަރުގައި ސްޓެލްކޯގެ ފަރާތުން ހަދާފައިވާ އާ އިންޖީނުގެ މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ގާފަރުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ އިންޖީނުގެ ރަސްމީކޮށް ހުޅުވައި އިންޖީނުގޭގެ ދިދަ ރަސްމީކޮށް ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝުކޫރު އެވެ.

ގާފަރުގައި އަލަށް ހުޅުވާފައިވާ އިންޖީނުގޭގައި ޖުމްލަ ތިން ޖަނަރޭޓަރެއް ހުރެ އެވެ. އަދި ހަމަ އެ އިމާރާތުގައި ކަރަންޓުފީ ބަލައިގަތުމާއި އޮފީސް ހިންގުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

މީގެ ކުރިން ގާފަރު ރައްޔިތުންގެ ނަމުގައި ހިންގަމުންދިޔަ އިންޖީނުގެ ސްޓެލްކޯގެ ދަށަށް ގެންގޮސްފައިވަނީ 2011 ވަނަ އަހަރު އެވެ. އަދި އޭރު އެރަށުގައި ރައްޔިތުންގެ ފައިސާއިން އިމާރާތްކުރަން ފަށާފައި ހުރި އާ އިންޖީނުގޭގެ އިމާރާތް ވަނީ ސްޓެލްކޯ އިން ގަނެފަ އެވެ.

އޭގެ އިތުރުން ސްޓެލްކޯގެ ދަށަށް އިންޖީނުގެ ބަދަލުކުރުމަށް ފަހު އިންޖީނުގޭގެ އޮފީސް ހިންގަމުން އައިސްފައި ވަނީ އަމިއްލަ މީހެއްގެ ބިން ކުއްޔަށް ހިފައިގެންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސް ވެރިން ވަނީ ގާފަރުގެ އިންޖީނުގޭގެ އިސް ވެރިންނާ ބައްދަލުކޮށް އެ އިންޖީނުގެއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.