އިންޑިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ކަމަށް އަހުމަދު މުހައްމަދު (އަންޑޭ) އައްޔަންކުރަން ފެންނަ ކަަމަށް މަޖިލީހުން ރުހުން ދީފި އެވެ.

އިންޑިއާ ސަފީރަކަށް އަހުމަދު މުހައްމަދު އައްޔަން ކުރަން ފެންނަ ކަަމަށް ވޯޓް ދެއްވާފައި ވަނީ 58 މެންބަރުންނެވެ. އަދި ނުފެންނަ ކަަމަށް އެއް މެންބަރަކު ވޯޓް ދެއްވާފައިވެ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނަވަނިކޮށް ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް ބަދަލުކުރައްވާފައިވާ އަންޑޭ، އިންޑިއާގެ ސަފީރު ކަމަށް އައްޔަން ކުރަން ގައުމީ ސަލާމަތު ކޮމެޓީން ވެސް ވަނީ ރުހުންދީފަ އެވެ. އެގޮތުން އަންޑޭއަށް ރުހުން ދޭން ފާސްކޮށްފައި ވަނީ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އިންޑިއާ ސަފީރަކަށް އަންޑޭ އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގަ އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު މުހައްމަދު، މި ސަރުކާރުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ބަދަލުކުރެއްވީ މިނިސްޓަރު ފެންވަރުގަ އެވެ. އަދި ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް ވެސް ބަދަލުކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގަ އެވެ.