27 Oct 2014, 13:35
ދެކުނު އެފްރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ސެންޒޯ މެޔީވާގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.
ސައުތު އެފްރިކާގެ ފުލުސް އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޔީވާއަށް ހަމަލާދީ މަރާލާފައިވަނީ އެގައުމުގެ އަވަށެއް ކަމަށްވާ ވޮސްލޫރަސްގައި ހުންނަ މެޔީވާގެ ލޯބިވެރިޔާގެ ގޭގައި އޭނާ ހުއްޓައި ކަމަށެވެ. އަދި އެ ގެއަށް ދެމީހަކު ވަދެފައިވާކަމަށާއި އިތުރު އެހެން މީހަކު އެވަގުތު އެގޭގެ ބޭރުގައި ހުރި ކަމަށާއި މެޔީވާއަށް ބަޑިން ހަމަލާ ދިނުމަށްފަހު އެ ތިން މީހުން ފިލާފައިވާ ކަމަށް ނޫސް ބަޔާނުގައި ވެއެވެ.
އުމުރުން 27 އަހަރުގެ މެޔީވާ އަކީ ސައުތު އެފްރިކާގެ މަޝްހޫރު ފުޓްބޯޅަ ކްލަބެއް ކަމަށްވާ އޮރްލާންޑޯ ޕައިރޭޓްސްގެ ކެޕްޓަންގެ އިތުރުން އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ އެފްރިކަން ނޭޝަންސް ކަޕަށް ކޮލިފައިވުމުގެ ގޮތުން ދެކުނު އެފްރިކާގެ ޓީމް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް ކުޅެފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ސައުތު އެފްރިކަން ލީގު ކަޕުގެ ކުއާޓާ ފައިނަލް މެޗުގައި އަޔެކްސް ކޭޕް ޓައުން އަތުން އޮރްލޭންޑޯ މޮޅުވި މެޗުގައި ކުޅެ މެޔީވާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޔީވާގެ މަރާ ގުޅިގެން އޮރްލޭންޑޯ ޕައިރޭޓްސް ފުޓްބޯޅަ ކްލަބުގެ ޗެއާމަން އިރްވިން ކޯޒާ ވިދާޅުވީ، މިއީ ހިތާމަވެރި ވަގުތެއްކަމަށާއި މެޔީވާގެ މަރުގެ ސަބަބުން އެކްލަބުގެ އިތުރުން އެ ގައުމުގެ ފުޓްބޯޅައަށްވެސް ގެއްލުން ދައްކާނެ ކަމަށެވެ.
" މިއީ ކޮންމެ ގޮތަކުން ބެލިކަމުގައި ވިޔަސް ހިތާމަ ހުރިކަމެއް. އޭނާގެ އާއިލާ އަށާއި މި ކްލަބުގެ އިތުރުން މުޅި މި ގައުމަށްވެސް މި ލިބުނީ ވަރަށް ބޮޑު ހިތްދަތިކަމެއް. މެޔީވާގެ މަރުގެ ސަބަބުން ވަރަށްގިނަ ބަޔަކަށް ގެއްލުން ދައްކާނެ،" ކޯޒާ ވިދާޅުވި އެވެ.
މި މައްސަލަ ސައުތު އެފްރިކާގެ ފުލުހުންގެ އިދާރާއިން އިތުރަށް ތަހުގީގު ކުރަމުންދާއިރު މެޔީވާގެ މަރާބެހޭ މައުލޫމާތެއް ދޭ މީހަކަށް 14000 ޑޮލަރުގެ ހަދިޔާއެއް ދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.