ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ މާލީ އެހީ 2،000 ރުފިޔާ އިން 5،000 ރުފިޔާއަށް ބޮޑުކުރުމަށް، "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު" އަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ދެ ގިންތި އަކަށް ބަހާލައިގެން އިނާޔަތް ދިނުމަށް ހުށަހަޅައިފި އެވެ.

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އެ ގާނޫނަށް ހުށަހެޅުއްވި އިސްލާޙު ދިރާސާކުރާ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ ސަބް ކޮމެޓީން ފާސްކޮށްފައިވާ ގޮތުން، ފުރަތަމަ ގިންތީގައި ހިމެނޭ މީހުންނަށް އިނާޔަތުގެ ގޮތުގައި ދައުލަތުން ދޭން ޖެހޭނީ 300ރ އެވެ. އަދި އެ ގިންތީގައި ހިމެނޭ މީހުން ބެލެހެއްޓުމަށްޓަކައި މާލީ އިނާޔަތުގެ ގޮތުގައި 2000ރ ދޭން ޖެހޭނެ އެވެ. އަދި އެފަދަ މީހުން ގިންތި ކުރުމުގައި އެ މީހުންގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރަށް ބަލަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އިޖްތިމާއީ ކޮމެޓީގެ ސަބް ކޮމެޓީން ފާސްކޮށްފައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ދެވަނަ ގިންތީގައި ހިމެނޭ މީހުންނަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި ލިބޭނީ ކޮންމެ މަހަކު 3000ރ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ހުށަހެޅާފައިވާ އިސްލާޙު ދިރާސާކުރާ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ ސަބް ކޮމެޓީން ފާސްކޮށްފައިވާ ގޮތުން އެ ގަނޫނުގެ ދަށުން މާލީ އިނާޔަތް ލިބޭ މީހަކަށް ދައުލަތުގެ އެހެން ނިޒާމެއްގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިނާޔަތެއް ލިބޭނަމަ އެ މީހަކަށް ލިބޭނީ އެ ގާނޫނުގެ ދަށުން ލިބޭ އިނަޔަތާއި އެހެން ގަނޫނަކުން ލިބޭ އިނާތް އަޅާކިޔުމަށް ފަހު އޭގެ ތެރެއުން އެންމެ ބޮޑު އިނާޔަތެކެވެ.

އިޖުތިމާއީ ކޮމެޓީގެ ސަބް ކޮމެޓިން ފާސްކޮށްފައިވާ ގޮތާ މެދު ކޮމެޓީގެ މެންބަރުންގެ މެދުގައި މިއަދު ވަނީ މަޝްވަރާ ކުރެވިފަ އެވެ. އެގޮތުން ކޮމެޓީގެ މެންބަރުންގެ މަޝްވަރާގެ މަތިން ނިންމާފައި ވަނީ ސަބް ކޮމެޓީން ހުށަހަޅާފައިވާ ހުށަހެޅުމާއމެދު ގޮތެއް ނިންމުމުގެ ކުރިން އެ ހުށަހެޅުމަށް އިތުރު މަޝްވަރާ ހޯދުމަށް އެޓާނީ ޖެނަރަލް އާއި އެންސްޕާގެ މެންބަރުން ހާޒިރު ކުރުމަށެވެ. އެގޮތުން ކޮމެޓީން ނިންމާފައި ވަނީ ދެން ބާއްވާ ކޮމެޓީ ބައްދަލުވުމަކަށް އެޓާނީ ޖެނަރަލްގެ އޮފިހާއި އެންސްޕާގެ ބޭފުޅުން ހާޒިރު ކުރުމަށެވެ.