ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ދިވެހި ރައްޔިތުންނަށް ބޭސް ފޯރުކޮށްދޭ އަގު ބޮޑުކަމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

އެސްޓީއޯއިން ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވުމުގެ ސަބަބުން ކައުންސިލްތަކުން ހިންގަމުން އަންނަ ބޭހުގެ ވިޔަފާރިތައް ހުއްޓުމަކަށް އައިސް ކައުންސިލުން ކުރަމުންދާ ބައެއް މަސައްކަތްތައް ހުއްޓުވުމަކަށް އަންނަމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ށ. އަތޮޅުގެ ކައުންސިލުން ރައްޔިތުންގެ މަޖިލީހީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށައެޅި މައްސަލައިގައި ވަކި ޖަވާބެއް ނުދިނުމަށް އެ ކޮމެޓީއިން ނިންމާފައިވާއިރު އެކަމަށް ބަހުސްކުރި އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ އެސްޓީއޯއިން ބޭސް ވިއްކާ އަގު ބޮޑުކަން ފާހަގަ ކުރައްވައިފައެވެ.

އެގޮތުން އެ ބަހުސްގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، އިންޑިއާއިން ރާއްޖެ އެތެރެކޮށް ވިއްކާ ބޭސް އިންޑިއާ އަގަށް ވުރެ ދިވެހި ރުފިޔާއިން ވިއްކާ އަގު ބޮޑު ކަމަށެވެ.

"އިންޑިއާ ރުފިޔާގެ އެންމެ ހަޔަސްޓް ރީޓެއިލް ޕްރައިސް، އިންޑިއާގެ ލޯކަލް ހުރިހާ ޓެކްސް ތަކާއެއްކޮށް އިންކްލޫޑް ކޮށްފައި ހުންނަ މިންވަރަށްވުރެ ދިވެހި ރުފިޔާއިން ވިއްކާ އަގު ބޮޑު،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އެސްޓީއޯއިން ކޮންމެ ރަށެއްގައި ފާމަސީއެއް ހިންގުމަށްވުރެ އެސްޓީއޯ މެދުވެރިވެ ކައުންސިލްތަކަށް ހެޔޮ އަގުގައި ބޭސް ފޯރުކޮށްދިނުން މާ ރަނގަޅު ކަމަށެވެ.

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް) ސަލީމް ވިދާޅުވީ، އެސްޓީއޯއިން "އެއްވެސް އެއްޗެއް ވިއްކާ އަގެއް ހެވެއް ނޫން" ކަމަށެވެ. "ބޭސް ގުޅައެއް ގަންނަން ދާއިރު، އިންޑިއާ ރުފިޔާއިން ހުންނަ އަގަށް ވުރެ އަޅުގަނޑުމެންގެ ދިވެހި ރުފިޔާއިން ގަންނަން ލިބޭ އަގު ބޮޑު،" ކަމަށް ސަލީމު ވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ބަލަންޖެހޭ މައްސަލައެއް އެސްޓީއޯއިން ބޭސް ގެންނަނީ ކޮންތަނަކުންތޯ، ބޭސް ގެންނަނީ ކޮން އަގުތަކެއްގައި ތޯ، ކިހާވަރެއްގެ ފައިދާއެއް ލާފައިތޯ އެސްޓީއޯއިން ބޭސް ވިއްކަނީ،" ސަލީމް ވިދާޅުވި އެވެ.

އެސްޓީއޯއިން ރަށްރަށުގައި ފާމަސީ ހުޅުވައިގެން ރައްޔިތުންނަށް ބެސް ފޯރުކޮށްދިނުމަށް ތާއީދު ކުރައެްވާ ކަމަށެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ވިދާޅުވީ، އެސްޓީއޯއިން ބޮޑު އަގުގައި ބޭސް ވިއްކާ ވާހަކައަކީ ދެކެވެމުންދާ ވާހަކައެއް ކަމުން އެކަން ރަނގަޅަށް ބަލަންޖެހޭ ކަމަށެވެ.

އެސްޓީއޯއިން އަގު ބޮޑުކޮށް ބޭސް ވިއްކާކަމަށް ވިދާޅުވެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ބޭސް އަގުބޮޑުކޮށް ވިއްކުމަކީ އެސްޓީއޯގެ މަގުސަދެއް ނޫން ކަމަށާއި އެސްޓީއޯއަށް ބޭސް ލިބޭ އަގާއި ބޭސް ވިއްކާއަގު ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިއަދުގެ މާލިއްޔަތު ކޮމެޓީގައި ށ. އަތޮޅު ކައުންސިލުން ހުށަހެޅި މައްސަލައިގައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވީ، ކޯޕަރޭޝަން ތަކާއި ބޭސް ފިހާރަ ހިންގުން ހަވާލުކޮށްގެން އެސްޓީއޯއިން ހިއްސާވާގޮތަށް އެ ކޯޕަރޭޝަން ތަކަށް އެސްޓީއޯއިން ބޭސް ފޯރުކޮށްދިނުން މާ ރަނގަޅުވާނެ ކަމަށެވެ.

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ، އެސްޓީއޯއިން ރަށްރަށުގައި ބޭސް ފިހާރަ ހިންގުމުން ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް ފައިދާވާ ކަމަށާއި އެހެންކަމުން އެސްޓީއޯއިން ހިންގާ ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި އެސްޓީއޯއިން ބޭސް ފިހާރަ ހިންގި ނަމަވެސް އަމިއްލަ ފަރާތްތަކަށް ބޭސް ފިހާރަ ހިންގުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

ޖުމުލަކޮށް ކޮމެޓީގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ އެސްޓީއޯއިން ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމަކީ ރަނގަޅުކަމެއް ކަން ފާހަގަ ކުރައްވާފައެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ށ. އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ ސިޓީއާ މެދު ގޮތެއް ނިންމުމަށް، އެސްޓީއޯ އެ ކޮމެޓީއަށް ހާޒިރުކުރުމަށް އެމްޑީޕީއަށް ތާއީދު ކުރައްވާ މެމްބަރުން ހުށަހަޅުއްވާފައިވީ ނަމަވެސް އެގޮތަށް ފާސް ވެފައެއް ނުވެއެވެ. އެހެން ކަމުން އެ ކޮމެޓީން މިއަދު ނިންމީ އެ ސިޓީއަށް އެ ކޮމެޓީއިން ވަކި ޖަވާބެއް ނުދިނުމަށެވެ.