ކުށެއްގެ ތުހުމަތުގައި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި އިން މީހަކަށް ސިނގިރެޓް ދިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 28 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރު ކުރީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި މީހެއްގެ ބަންދާ މެދުގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި އިންދާ ފުލުހުންގެ ބަންދުގައި އިން މީހަކަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައެވެ.

އަދި ފުލުހުންގެ ހައްޔަރުގައި ހުރި މީހާއަށް ސިނގިރޭޓް ދީފައިވަނީ ޖަސްޓިސް ބިލްޑިންގ އެތެރޭ ގޮނޑި ބަރީގައި ބައިންދާފައި އިންދާ ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި 28 އަހަރުގެ މީހާއަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 51 ފަހަރު ހުއްޓުވައި ސުވާލުކޮށް 37 ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް 22 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އަށް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ. އަދި މި މީހާއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ ގިނައަދަދެއްގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.