27 Oct 2014, 12:10
ހުއްދަ ނުހޯދައި ކާބޯތަކެތި އިސްތިހާރު ކުރުމާއި އެތަކެތި ވިއްކުމަށް އެކިއެކި ޕްރޮމޯޝަންތައް ހިންގުމަކީ މަނާ ކަމެއް ކަމެއް ކަމަށާއި ހުއްދަ ނުހޯދައި އެފަދަ ކަންތައްތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ދީފި އެވެ.
އެމްއެފްޑީއޭގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ކާބޯތަކެތީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އެކި ގޮތްގޮތަށް ގަވާއިދާ ހިލާފަށް ކާބޯތަކެތި އިސްތިހާރު ކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ހުއްދަ ނެތި އެފަދަ ކަންކަން ކުރަމުން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަަމަވެސް އެކަން އެގޮތަށް ކުރަމުން ގެންދަނީ ކޮންކޮން ފަރާތްތަކަކުން ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
"އަޅުގަނޑުމެން ކާބޯތަކެތި ވިއްކާ ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމަށް ނޫސްބަޔާނެއް ނެރުނީ. ވަކި ބަޔަކަށް އަމާޒުކޮށެއް ނޫން،" އެމްއެފްޑީއޭގެ އޮފިޝަލު ވިދާޅުވި އެވެ.
އެ އޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކާބޯތަކެތި އުފައްދާ ކުންފުނިތަކުން ކުޑަކުދިންނާއި ބޮޑެތި މީހުންގެ ސްޕޯޓްސް އިވެންޓްތައް ސޮޕޮންސާކުރަމުން އަންނަ ކަމަށާއި ޕްރޮޑަކްޓްތަކާއި ބެހޭގޮތުން ބޮޑެތި ނޫސްކޮންފަރެންސްތައް ބާއްވައި އެފަދަ ޕްރޮޑަކްޓް އުފައްދާ ފެކްޓަރީތަކުގައި މަސައްކަތް ކުރަމުން ގެންދާ ގޮތް މީޑިއާ ދެއްކުމުގެ ނަމުގައި އެ ކުންފުނިތަކާއި އެ ކުންފުނިންތަކުން އުފައްދާ ޕްރޮޑަކްޓްތައް އެ އޮތޯރިޓީގެ ހުއްދަ ނުހޯދައި އިސްތިހާރު ކުރަމުން ގެންދާ ކަމަށެވެ.
އެގޮތަށް ކާބޯތަކެތި ޕްރޮމޯޓްކުރުމަކީ ގުދުރަތީ ކާނާއަށް ވުރެ ތައްޔާރީ ކާނާއަށް އާއްމުން ދޭ އަހައްމިއްޔަތުކަން އިތުރުވަމުންދާ ކަމެއް ކަމަށާއި ތައްޔާރީ ކާނާއަކީ ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ފައިދާ ހުރި މާއްދާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެކުލެވޭ ކާނާއެއް ނޫން ކަމަށް ވެސް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ކާބޯތަކެތި ވަކި ހަމައެއްނެތި ބޭނުންކުރުމަކީ މީގެ ނޭދެވޭ އަސަރު އަންނަން އޮތް ޖީލުތަަކަށް ދެމިގެންދާނެ ކަމެކެވެ. ލޭމައްޗަށް ދިޔުމާއި ހަކުރުބައްޔާއި އަދި ކެންސަރުފަދަ ބަލިތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާ އެކު މިއަދު ރާއްޖޭ އަދި ދުނިޔޭގައި ވެސް ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުން އަންނަ ބަލިތަކެވެ. މިގޮތަށް އާއްމުންނަށް އޮޅޭ ގޮތަކަށް ކާބޯތަކެތީގެ އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަކީ އާއްމު ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ،" އެ ނޫސް ބަޔާނުގައިވެ އެވެ.