ހޮންގް ކޮންގެ ކެތޭ ޕެސިފިކް އެއާވޭސް އިން ރާއްޖޭގައި ޚިދުމަތްދޭތާ އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ފެއާއެއް ހުޅުވާލައިފި އެވެ.

ކެތޭ އެއާވޭސް އިން ބުނީ، ފެއާ ކުރިއަށްދާނީ މި މަހު 26 ން 31 ގެ ނިޔަލަށް ކަމަށެވެ. މި ފެއާގައި މާލެއިން ހަަތަރު މަންޒިލަކަށް ދަތުރުކުރުމަށް ހަމަޖެހިފައި ވާއިރު އޭގެތެރޭގައި ހޮންގް ކޮންގް، ޗައިނާގެ ވެރިރަށް ބެއިޖިން، އެ ގައުމުގެ ޝަންހާއީ ސިޓީގެ އިތުރުން ފިލިޕިންސްގެ މެނީލާ ހިމެނެ އެވެ.

ކެތޭ ޕެސިފިކް މޯލްޑިވްސްގެ މެނޭޖަރު ސަންދީޕް އަފޮންސޯ ވިދާޅުވީ، ރާއްޖޭގެ މާކެޓުގައި އެ އެއާލައިނަށް ރަނގަޅު ތަރުޚީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި އެންމެންގެ އެހީތެރިކާމާއެކު އިތުރު ކުރިއެރުންތަކެއް ހޯދަން މަސަތްކަތް ކުރާނެ ކަމަށާއި އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ ފެއާ ތަކެއް ހުޅުވާލުވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

" އަޅުގަނޑުމެން މިތިބީ ވަރަށް އުފާވެފައި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ކާމިޔާބުގޮތެއްގައި ޚިދުމަތް ދެވޭތީ. އަދި ކެތޭ އެއާވޭސްގެ ޚިދުމަތް ހޯއްދަވާ ބޭފުޅުންނަށާއި އިދާރާތަކަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަތާ އެއް އަހަރު ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ފެއާތަކެއް ހުޅުވާލެވުމުން އެކާމެދުވެސް ވަރަށް ހިތްހަމަޖެހޭ. އަޅުގަނޑުމެން ބޭނުންވަނީ ކުރިއަށް އޮތްތާގައި ވެސް އެންމެންގެ ސަޕޯޓާއެކީ އިތުރު ކުރިއެރުންތަކެއް ހޯދައި އަމާޒުތަކައް ވާސިލްވާން،" ސަންދީޕް އަފޮންސޯ ވިދާޅުވި އެވެ.

ކެތޭ ޕެސިފިކް އެއާވޭސް އިން އަންނަނީ މިދިޔަ އަހަރުން ފެށިގެން ހަފްތާ އަކު ހަތަރު ފްލައިޓް މާލެ އިން ހޮންގް ކޮންގް އަށް އޮޕަރޭޓް ކުރަމުންނެވެ. އެއީ ބުދަ، ބުރާސްފަތި، ހޮނިހިރު، އަދި އާދީއްތަ ދުވަހުއެވެ.

ކެތޭ ޕެސިފިކް އެއާވޭސް އަކީ ބިޒްނަސް ކްލާސް ބެޑް ސީޓްސް އަދި ޕްރީމިއަމް އެކޮނޮމީ ކްލާސް ކެބިން އިން އެވޯޑް ހާސިލްކޮށްފައިވާ ކުންފުންޏެކެވެ. އެ އެއާވެސް އިން އަންނަނީ މިދިޔަ އަހަރުން ފެށިގެން އެއާބަސް A330-300 ގެ މަތިންދާބޯޓެއް ރާއްޖޭގެ މާކެޓުގައި އޮޕަރޭޓް ކުރަމުންނެވެ.