25 Jan 2011, 14:02
މުހައްމަދު ޝަނޫން
މިއަހަރުގެ އޮގަސްޓްމަހު ސީސެލްސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ބާސްކެޓްގެ އަންހެން ޓީމާއި ފިރިހެން ޓީމުވެސް ބައިވެރި ކުރަން މަސައްކަތް ކުރަމުން ދާ ކަމަށް އެސޯސިއޭޝަނުން ބުނެފި އެވެ.
އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ އާމިރު ވިދާޅުވީ ރޯދަމަހުގެ ފަހުކޮޅު އޮންނަ މުބާރާތުގައި ދެ ޓީމު ބައިވެރި ކުރަން ބޭނުންވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ. "އޭޝިއަން ގޭމްސްގެ ސަބަބުން އަންހެން ޓީމެއް އެ އޮތީ އެކުލަވާލެވިފައި. އެހެންވެ އެ ޓީމު ހިފަހައްޓަންވެސް މަސައްކަތްތަކެއް އެބަ ކުރަން ޖެހޭ. އަނެއްކޮޅުން ފިރިހެން ޓީމު މި ވަނީ ސައުތު އޭޝިއަން ގޭމްސްގައި ރަނގަޅު ނަތީޖާއެއް ހޯދާފަ. އެހެންވެ އެޓީމަށްވެސް އިތުރު ފުރުސަތުތައް އެބަ ބޭނުންވޭ." އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ ޓީމު ބައިވެރި ކުރެވޭނެކަން އަދި މުޅިން ޔަގީން ނުވި ނަމަވެސް އެކަހަލަ އިޝާރާތެއް ކަމާ ބެހޭ ފަރާތްތަކުން ލިބިފައިވާ ކަމަށެވެ. އަދި ޓީމު ތައްޔާރު ކުރުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ފިރިހެން ބާސްކެޓް ޓީމު 10 އަހަަރަށްފަހު ވާދަކޮށްފައިވަނީ މިދިޔައަހަރު ބަންގާޅުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައެވެ. އެ މުބާރާތުގައި ނޭޕާލް ބަލިކޮށް ރާއްޖެ ވަނީ ސެމީ އާއި ވަރަށް ކައިރިއަށް ދަތުރުކޮށްފައެވެ. ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރި އަންހެން ޓީމު ޗައިނާގައި މިދިޔައަހަރު ކުޅުނު ހުރިހާ މެޗަކުން ތަފާތު ބޮޑުކޮށް ވަނީ ބަލިވެފައެވެ.