މެޗުގެ ފަހު ވަގުތުކޮޅުގައި ރޮބިން ވެން ޕާސީ ޖަހައިދިން ލަނޑާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރިމަތިލުން 1-1 އިން އެއްވަރުގެން ނިމިއްޖެ އެވެ.

މި ނަތީޖާ އާއެކު ޕްރިމިއާ ލީގު ތާވަލުގެ އެންމެ ކުރީގައި 23 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު ޔުނައިޓެޑް ވަނީ 13 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައަށް ޖެހިލައިފައެވެ.

މެންޗެސްޓާގެ އޯލްޑް ޓްރަފޮޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރިހޯދީ ޗެލްސީ އެވެ. ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ 53 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފޯވަޑް ޑިޑިއާ ޑްރޮގްބާ އެވެ. އަމިއްލަ ދަނޑުގައި ޗެލްސީ އަތްދަށު ނުވެ ޔުނައިޓެޑް ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި ފޯވަޑް ރޮބިން ވެން ޕާސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ތަކެއް ލިބުނުއިރު ފުރަތަމަ ހާފުގައި އަދްނާން ޔަނޫޒާގެ ރީތި ޕާހުން ވެންޕާސީ ފޮނުވާލި ހަމަލާ ޗެލްސީގެ ގޯލްކީޕަރު ތިބައުޓް ކޯޓުވާ ވަނީ ދިފާއުކޮށްފައެވެ.

މެޗަށް ނުކުތް އިރު ޔުނައިޓެޑްގެ ކޯޗު ވެންހާލް ވަނީ އެޓީމުގެ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޑިފެންސް ލައިނުގައި ފިލް ޖޯންސްގެ ބަދަލުގައި ސްމޯލިންގްއަށް ފުރުސަތު ދިން އިރު މެދުތެރެއިން ހެރޭރާގެ ބަދަލުގައި ވެންހާލް ޖާގަ ދިނީ މަރުއާނޭ ފެލައިނީ އަށެވެ. ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީއަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުމުގެ ސަބަބުން ރޭގެ މެޗުގައި ޔުނައިޓެޑްގެ ފޯވަޑް ލައިން ލީޑު ކުރީ ވެންޕާސީ އެވެ. އަނިޔާގެ ސަބަބުން ކޮލަމްބިއާގެ ތަރި ފަލްކާއޯވެސް ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ.

ޗެލްސީ އިންވެސް ވަނީ ދެހާފުގައިވެސް ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ މިޑްފީލްޑަރު އެޑިން ހަޒާޑް ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު ހަޒާޑްގެ ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ސާބިއާގެ ކުޅުންތެރިއާ ބްރާންސިލާވް އިވަނޮވިޗް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގައި އޮސްކާ އަށްވެސް ގޯލް ޖަހާނެ ފުރުސަތު ތަކެއް ލިބިފައިވާ އިރު އެ ހަމަލާތަކުގެ ހުރަހަށްވީ ޑެހެއާ އެވެ.

މެޗުގެ ފަހު ވަގުތުތުގައި ޔުނައިޓެޑްގެ މިޑްފީލްޑަރު އެންޖެލް ޑި މަރިއާއަށް ކުރިފައުލަކާ ގުޅިގެން އިވަނޮވިޗް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އޭރިއާ ކައިރިން ޑިމަރިއާ ނަގައިދިން ހިތްގައިމު ހިލޭ ޖެހުމުން ފެލައިނީ ބޮލުން ޗެލްސީގެ ގޯލަށް ނުރައްކާ ކުރިނަމަވެސް ކޯޓުވާ ވަނީ އެހަމަލާ ދިފާއުކޮށްފައެވެ.

ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ސްޓަމްފޯޑް ބްރިޖްގައި ކުއީންސް ޕާކް ރޭންޖާސް އާ ދެކޮޅަށް ޗެލްސީ ކުޅޭއިރު، ޔުނައިޓެޑް މަޝްހޫރު މެންޗެސްޓާ ޑާބީ ގައި ސިޓީ އާ ދެކޮޅަށް ނުކުންނާނެއެވެ.