ޕްރިމިއާ ލީގުގައި ބާންލީގެ މައްޗަށް އެވަޓަން އިން ކުރިހޯދިއިރު ނިއުކާސަލްއާ ވާދަކޮށް އަމިއްލަ ދަނޑުގައި ޓޮޓެންހަމް ބަލިވެއްޖެ އެވެ.

ޕްރިމިއާ ލީގުގައި ރޭ ބާންލީއާއި އެވަޓަން ބައްދަލުކުރި މެޗު އެވަޓަން ކާމިޔާބުކުރީ 3-1 ންނެވެ. ބާންލީގެ ދަނޑުގައި ކުޅުނު މެޗުގައި އެވަޓަންއަށް ލީޑު ހޯދައިދިނީ މެޗު ފަށައިގެން މާގިނައިރުތަކެއް ނުވެ ހަތަރުވަނަ މިނިޓުގައި ކެމަރޫންގެ ފޯވަޑް ސަމުއެލް އެޓޫއެވެ. ނަމަވެސް ބާންލީއަށް ކުޅެމުން އަންނަ އިނގިރޭސި ކުޅުންތެރިއާ ޑޭނީ އިންގްސް އިން ވަނީ 20 ވަނަ މިނިޓުގައި ލަނޑެއް ޖަހައި އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި ނަތީޖާގައި ބާންލީއަށް މާގިނައިރުވަންދެން ހިފެހެއްޓޭ ގޮތެއް ނުވިއެވެ. މެޗުގެ 29 ވަނަ މިނިޓުގައި ރޯމެލޫ ލުކާކޫ ވަނީ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް އެވަޓަންއަށް ކުރި ހޯދައިދީފައެވެ.

މެޗުގައި އެވަޓަން އިން ޖެހި ތިންވަނަ ލަނޑު މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އެޓޫ ކާމިޔާބުކޮށްދިން އިރު މިއީ އެވަޓަން އާ ގުޅުމަށްފަހު އެޓޫ އެޓީމަށް ކާމިޔާބުކޮށްދިން ހަތަރުވަނަ ލަނޑެވެ.

މެޗުގައި އެވަޓަންގެ ފޯވަޑް ލައިންގައި މަސަތްކަތްކުރި ޗެލްސީގެ ކުރީގެ ދެ ކުޅުންތެރީން ކަމަށްވާ އެޓޫ އާއި ލުކާކޫއަށް ވަނީ އިތުރު ލަނޑު ތަކެއް ޖަހަންވެސް ގިނަ ފުރުސަތު ތަކެއް ލިބިފައެވެ. ނަމަވެސް އެ ދެކުޅުންތެރިންގެ ހަމަލާތަކުގެ ހުރަހަކައްވީ ގޯލުގެ ދަނޑިއާއި ބާންލީގެ ކީޕަރު ހީޓަން އެވެ.

މި ނަތީޖާއާ އެކު ޕްރިމިއާ ލީގު ތާވަލުގެ ނުވަ ވަނައިގައި 12 ޕޮއިންޓާއެކު އެވަޓަން އޮތް އިރު މެޗުން ބަލިވި ބާންލީ އޮތީ ހަތަރު ޕޮއިންޓާއެކު 19 ވަނައިގައެވެ.

ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އާއި ނިއުކާސަލްގެ ކުރިމަތިލުމުގައި ނިއުކާސަލް އިން ވަނީ ކުރިހޯދާފައެވެ. ލަންޑަންގެ ވައިޓްހާޓް ލޭންގައި ކުޅުނު މެޗު ނިއުކާސަލް އިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ންނެވެ.

ފުރަތަމަ ހާފުގެ 18 ވަނަ މިނިޓުގައި ފޯވަޑް އެމަނުއެލް އަޑެބަޔޯ ޓޮޓެންހަމްއަށް ލީޑު ހޯދައިދީފައި ވަނިކޮށް ނިއުކާސަލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 46 ވަނަ މިނިޓުގައި ސެމީ އަމިއޯބީ އެވެ. އަދި މެޗުން ނިއުކާސަލް މޮޅު ކޮށްދިން ލަނޑު 58 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އަޔޯޒީ ޕެރޭޒް އެވެ.

ޓޮޓެންހަމް އަތުން ލިބުނު މޮޅާއެކު ނިއުކާސަލް ވަނީ 10 ޕޮއިންޓާއެކު ލީގު ތާވަލުގެ 14 ވަނައަށް ޖެހިލައިފައެވެ. ޓޮޓެންހަމް އޮތީ އެއް ޕޮއިންޓް ގިނައިން ލިބިގެން ތާވަލުގެ 11 ވަނައިގައެވެ.