27 Oct 2014, 10:38
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 116.3 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހަތް ރަށެއްގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިއަހަރު ތެރޭ ކުރިއަށް ދާނެ ކަމަށް އެންވާރަމެންޓް އެންޑް އެނާޖީ މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށްގެންދާ މަޝްރޫއާ ގުޅޭ ގޮތުން ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނަޝީދު މަޖިލީހުގައި މިއަދު ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ތާރިގު ވިދާޅުވީ މި އަހަރުތެރޭ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ނިންމާފައިވާ ހަތް ރަށު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ރަށް ރަށުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މިއަހަރު ތެރޭ ހަތް ރަށެއްގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކަރުން މި ދަނީ މަސައްކަތް ކުރަމުން. އެގޮތުން ހަތް ރަށެއްގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައި. ހަތް ރަށުގެ ތެރެއިން ބައެއް ރަށްރަށުގެ މަސައްކަތް މިހާރު ވަނީ ފެށިފައި އަދި އަނެއްބައި ރަށްރަށުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން މިދަނީ ހަތް ރަށުގެ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށް 116.3 މިލިޔަން ރުފިޔާ ހަރަދު ކުރެވޭނެ،" މިނިސްޓަރު ތާރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަަރަށް ބޮޑު އިސްކަމެއްދޭ ކަަމަށެވެ. އެގޮތުން ބަޖެޓް ތަންދިން މިންވަރަކުން ކޮންމެ އަހަރަކު ވެސް އެ މަސައްކަތް ކުރުމަށް ނިންމަފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ކަަމަށް 114 ރަށެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 64 ރަށަކީ ވަރަށް ބޮޑަށް ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށްތަކެއް ކަަމަށެވެ.