ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް އަންގާ އެންގުންތަކާ އެއްގޮތަށް ހުރިހާ މެމްބަރުން އަމަލުނުކޮށްފާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އަހުމަދު މުހައްމަދު (އަންޑޭ)އަށް ރުހުން ދޭން ގައުމީ ސަލާމަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓުގެ ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، އޭނާ މަޖިލީހުގައި އަމަލު ކުރައްވަމުން ގެންދަވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ހުރިހާ މެމްބަރުން އަންގާ ގޮތަށް ކަމަށެވެ. އަދި މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ނިންމުންތަކާ އެއްގޮތަށް ކަމަށް ނިހާން ވިދާޅުވި އެވެ.

"ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވަކި ކަމެއް ނިންމާފައި، އަޅުގަނޑާ ހަވާލު ކުރީމަ އެކަމެއް ބުނެދޭން ހުންނަ މީހާ އަޅުގަނޑަކީ. އަނެއްހެން ބަލާނަމަ ހުރިހާ ކުދިން އަންގާ ގޮތަކަށް އުޅެން ހުންނަ މީހާ އަޅުގަނޑަކީ. އަޅުގަނޑު އަންގާ ގޮތަކަށް ނޫން، އަޅުގަނޑުގެ ޓީމުގެ ހުރިހާ ކުދިން އުޅޭނީކީ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާ ނަންފުޅުތައް މަޖިލީހުން ފާސްވެގެންދާނެ ކަމުގެ އިޝާރާތެއް ކުރައްވަމުން ނިހާން ވިދާޅުވީ "ހެޔޮ ހާލުގައި ފަސޭހަކަމާއެކު" އެބޭފުޅުންނަށް ކާމިޔާބު ލިބިގެންދާނެ ކަމަށެވެ.

ޕީޕީއެމުން މިއަދު ފާހަގަ ކުރާ އެ ޕާޓީގެ ތިން ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނިހާން ވިދާޅުވީ، އެ ޕާޓީއަކީ އެންމެ ކުރު ތާރީހެއްގައި އެންމެ ބޮޑު ކާމިޔާބު ޕާޓީ ކަމަށެވެ.

ޑީއާރްޕީގެ ތެރޭގައި ބައިބައިވުން ބޮޑުވެ، ފެކްޝަންތަކުން އެ ޕާޓީގެ ލީޑާޝިޕަށް އައުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، ޕީޕީއެމް އުފެދުނީ 3200 މެމްބަރުންނާއެކު އޮކްޓޯބަރު 27، 2011 ގަ އެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަންގައި އެދުނީ ސެޕްޓެމްބަރު 5، 2011 ގަ އެވެ.