މަސްތުވާތަކެތީގެ މައްސަލައަކީ ހަމަ އެކަނި އަދަބުދީގެން ހައްލުކުރެވޭނެ މައްސަލައެއް ނޫންކަން ގަބޫލުކުރަން ޖެހޭ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ މައިގަނޑު ސިޔާސަތުތައް އެކުލަވައިލުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ފެށި މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައިގައި ހަރުކަށި އަދަބުދީގެން ނިކުތް ނަތީޖާ ރަނގަޅުނޫން ކަމަށެވެ.

"...ވީ އެންމެންނަށް އަދަބު ކަނޑައަޅާށޭ، އެމީހުން ޖަލަށް ލާން ހުކުމް ކުރާށޭ ބުނުމަކުން އަދި ނުއެއް ފުދޭ. އަދަބު ދެވިދާނެ އަޅުގަނޑުމެންނަށް 77 (1977) ގެ ފަހުން ވަރަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅައިގެން އަޅުގަނޑުމެން މީހުންނަށް އަދަބު ދިނުމުގެ ނިޒާމުވެސް ގެންގުޅުނީމު. އޭގެން ނިކުތް ނަތީޖާ ވަކި ރަނގަޅުނޫންކަން އަޅުގަނޑުމެންނަށް ވެސް އެނގުނު. އެހެންވީމާ މިއީ ހަމަ އެކަނި އަދަބުދީގެން ހައްލުކުރެވޭނެ މައްސަލައެއް ނޫންކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ،" ކަސްޓަމްސް ބިލްޑިންގް ގެ މީރުބަހުރު މާލަމުގައި މިއަދު އޮތް ރަސްމިއްޔާތުގައި އޭޖީ ވިދާޅުވި އެވެ.

އަދި ވިދާޅުވީ، އެކަން ގަބޫލުކުރުމާ އެކީގައި ފަރުވާދިނުމުގެ ނިޒާމުގައި ހުރި މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގައި ގާއިމްކޮށްފައި މިހާރު އޮތް ނިޒާމަކީ ހަމަ އެކަނި ނަމެއްގައި އޮތް އެއްޗެއްކަން އެނގިވަޑައިގެންފައިވާ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"... އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ނެޝަނަލް ޑްރަގް ކައުންސިލުން ހެދި އެސެސްމެންޓްގައި، އެއީ އަޅުގަނޑުމެންނަކީ ކޮންމެހެން ފަންނީ މާ ބޮޑެތި ބަޔަކަށް ވާތީއެއް ނޫން. އަޅުގަނޑުމެންނަކީ މުހިއްމު ބަޔަކަށް ވާތީއެއް ވެސް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން އަޅުގަނޑުމެންގެ ދާއިރާތަކުގައި ހުރި ފަންނީ ތަޖުރިބާގެ އަލީގައި ކުރެވުނު އެސެސްމަންޓްތަކުން ވެސް އެނގުނު ކަމަކީ އަޅުގަނޑުމެންގެ ފަރުވާދޭ ނިޒާމަކީ މިހާރު ނަމެއްގައި އޮތް އެއްޗެއްކަން،" އޭޖީ ވިދާޅުވި އެވެ.

އޭޖީ އަނިލް މިހެން ވިދާޅުވެފައި މިވަނީ މަސްތުވާތެކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ހޯދާމީހުންނަށް ވެސް އަދަބުދޭން، ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ގޮވައިލައްވާފައި ވަނިކޮށެވެ.

މިދިޔަ ބުރާސްފަތި ދުވަހު " ސަންއަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ، ފަރުވާ ޕްރޮގްރާމް ފުރިހަމަ ކޮށްފި ނަމަ މަސްތުވާތަކެތި ބޭނުންކުރާ މީހަކަށް ކަނޑައެޅިފައިވާ ހުކުމުން ސަލާމާތް ވެވޭނެ ކަމަށް އޮންނަ އޮތުން ބަދަލު ކުރުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނުނަށް އިސްލާހު ގެންނަން އެމަނިކުފާނު އެދިވަޑައިގެންފައިވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ، މަސްތުވާތަކެތީގެ ގާނޫނުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ސިފަ ކޮށްފައި ވަނީ ބަލި މީހުންގެ ގޮތުގައި ކަމަށެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެކުރަނީ ޖިނާއީ ކުށެއް ކަމަށް ނުދެކި މަސްތުވާތަކެތިން މީހުން ސަލާމަތް ކުރެވުނު ގައުމެއް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.

" އަޅުގަނޑުވާނީ ޕްރޮޕޯސްކޮށްފައި ވަނީ މިހާރު [ޑްރަގް ގާނޫނަށް ބަދަލުތަކެއް ގެނަން]. ހޯމް މިނިސްޓްރީ އިން ވަނީ ފޮނުވާފައި ގެންނަން ބޭނުންވާ އިސްލާހުތައް. މިހާރު ޑްރަގް ގާނޫނު [ ދެކެނީ] މަސްތުވާތަކެތި ބޭނުން ކުރާ މީހާއަކީ ބަލި މީހެކޭ. އެއީ ރިކޮގްނައިޒްޑް [ ގަބޫލު ކުރާ ގޮތަކަކީ]އެ ރިކޮގްނިޝަން ހަދައިގެން ކާމިޔާބު ކުރެވުނު ގައުމެއް ނެތް. ކާމިޔާބު ކުރި ގައުމުތަކުން ކޮށްފައި ހުރީ ކްރިމިނިލައިޒް ކޮށްގެން އޭތި. ޑިކްރިމިނަލައިޒް ކޮށްގެނެއް ނޫން،" ހޯމް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ މައިގަނޑު ސިޔާސަތުތައް އެކުލަވައިލުމަށް ފެށި ބައްދަލުވުމުގައި މައިގަނޑު ފަސް ކަމަކާ މަޝްވަރާކުރާނެ ކަމަށް ވެސް އެންޑީއޭގެ ބޯޑުގެ ވައިސް ޗެއާޕާސަން އައިޝަތު ވިޝާމް ވިދާޅުވި އެވެ. އެގޮތުން މަޝްވަރާކުރާނެ ކަންތައްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމުން އުފެދޭ ސިއްހީ މައްސަލަތައް ދެނެގަނެ ފަރުވާކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ބެހޭ ގޮތުން ސިޔާސަތު ކަނޑައެޅުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރައި މުޖުތަމައަށް ގެނައުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ މެދު ފިޔަވަޅު އެޅުން ހިމެނޭނެ ކަމަށް ވެސް އައިޝަތު ވިދާޅުވި އެވެ.

"...މަސްތުވާތަކެތީގެ މައްސަލައަކީ އަޅުގަނޑުމެންގެ މި މުޖުތަމައުގައި ކިތަންމެ ބޮޑު މައްސަލައެއް ނަމަވެސް އަދި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް އަމަލުކުރަން ފެށިތާ ، މިއަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހަށް ތިން އަހަރުވީ ނަމަވެސް، މަސްތުވާތަކެއްޗާ ގުޅޭ ގޮތުން އަމަލުކުރާނެ ސިޔާސަތުތަކެއް ގައުމީ ފެންވަރުގައި މިއަދާ ހަމައަށް ވެސް އެކަށައެޅިފައެއް ނުވޭ. ނެޝަނަލް ޑްރަގް އެޖެންސީން މިއަދު ކުރިއަށް ގެންދަން ގަސްދުކޮށްފައި މިވާ މަސައްކަތު ބައްދަލުވުމަކީ ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާއަށް ލަފާއަރުވަން ޖެހޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ސްޓޭކް ހޯލްޑަރުންގެ މެދުގައި މަޝްވަރާކޮށް، އެސިޔާސަތުތައް އެކަށައެޅުމުގައި ސަމާލުކަން ދޭންވީ ކަންކަން ދެނެގަނެ، އެސިޔާސަތުތައް އެކަށައެޅުމުގައި އެހީތެރިވެދިނުމުގެ ގޮތުން ސްޓޭކްހޯލްޑާ ލެވެލްގައި ފާހަގަކުރަން ޖެހޭ ކަންކަން ދެނެގަތުން،" ންޑީއޭގެ ބޯޑުގެ ވައިސް ޗެއާޕާސަން ވިދާޅުވި އެވެ.

މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި ބައްދަލުވުމުގައި ދައުލަތުގެ 18 މުއައްސަސާއަކާއި ރާއްޖޭގެ ހަތަރު ޖަމިއްޔާއަކުން ބައިވެރިވިއެވެ.