މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) ޖަހައިދިން ލަނޑާއެކު 1-0 ލަނޑުން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަނެއްކާވެސް ދިރާގު ދިވެހި ލީގު ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ވިކްޓަރީ ކޮޅަށް ސެންޓޭ ލަނޑު ޖެހީ މެޗުގެ 12 ވަނަ މިނިޓްގައެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ޕާހަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ އެއްފަހަރުން ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ވިކްޓަރީ އަތުން ލިބުނު އުނދަގޫ މޮޅާއެކު ދިވެހި ލީގު ތާވަލުގެ އެންމެ ކުރީގައި ނިއު އޮތީ 45 ޕޮއިންޓާއެކުގައެވެ. ނިއުގެ ފަހަތުން ދެވަނައިގައި 43 ޕޮއިންޓާއެކު މާޒިޔާ އޮތް އިރު ރޭގެ މެޗުން ބަލިވި ވިކްޓަރީ އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.

މެޗުގައި ވިކްޓަރީގެ ގޯލު ފޫއަޅުވަން ނިއުއަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ސެންޓޭ ލަނޑު ޖެހުމުގެ ކުރިން އެޓީމުގެ މުހައްމަދު އުމައިރު ވިކްޓަރީގެ ގޯލަށް ނުރައްކާ ކުރިއިރު އޭނާ ފޮނުވާލި ބޯޅަ ކީޕަރު މުހައްމަދު އާތިފް ވަނީ ދިފާއުކޮށްފައެވެ. އަދި ދެވަނަ ހާފުގައި ސެންޓޭ ފޮނުވާލި ފުރަތަމަ ބޯޅަ ދަނޑި ކައިރިން ބޭރަށް ދިޔައިރު ދެވަނަ ހަމަލާގެ ހުރަހަކަށްވެސް ވީ ކީޕަރު އާތިފް އެވެ.

ވިކްޓަރީގެ ފަރާތުން މެޗުގައި ލަނޑެއް ނުފެނުނަސް އެޓީމުން ވަނީ ދެވަނަ ހާފުގައި ނިއުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ހެންސްލީ އަވީލޯ ކީޕަރު އިމްރާން ކައިރިން ކަޓުވާލުމަށްފަހު އޭރިއާ ކުރިމަށްޗަށް ހުރަސް ކުރި ބޯޅަ ނިއުގެ ޑިފެންޑަރު ޝާފިއު އަހުމަދު ސާފުކުރިއިރު އޭގެ އިރުކޮޅެއްފަހުން އަވީލޯ ނިއުގެ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާ އިމްރާން ވަނީ ދިފާއުކޮށްފައެވެ.

ދިވެހި ލީގުގައި ދެން މެޗެއް ކުޅޭނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. މި މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ވެލެންސިއާ އެވެ.