27 Oct 2014, 09:51
ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް ވެސް ޑެބިޓް ކާޑުގެ ހިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމުން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އެ ކޮމިޝަނުން ކުރަމުންގެންދާ ތަފާތު މަސައްކަތްތަކުގެ ތެރެއިން ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް، ބީއެމްއެލްގެ ޑެބިޓް ކާޑުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްޓަކައި ކޮމިޝަން މެދުވެރިވެގެން ކުރެވުނު މަސައްކަތްތަކާއެކު މިހާރު އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އެޗްއާރުސީއެމުން އިސްނަގައިގެން 13 މާޗް 2014ގައި ބީއެމްއެލް އާއި ބްލައިންޑް އެސޯސިއޭޝަން އާއި އެކު ބޭއްވި ބައްދަލުވުމުގައި ބީއެމްއެލްގެ ފަރާތުން ވަނީ އެ ހިދުމަތާމެދު މަޝްވަރާކުރުމަށްފަހު ރަނގަޅު ހައްލެއް ގެނައުމަށް އެއްބަސްވެފައި ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އެޗްއާރްސީއެމުން ބުނީ، ފެނުމުން މަހުރޫމު ވެފައިވާ ފަރާތްތަކަށް ޑެބިޓް ކާޑުގެ ހިދުމަތް ދިނުމަށް އެކި ފަހަރުމަތިން ކުރެވުނު މަޝްވަރާ ބައްދަލުވުންތަކަށް ފަހު، މިހާރު އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާކަން އަންގައި ގައުމީ ބޭންކުން އެ މިކޮމިޝަނަށް މިމަހުގެ 22 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.