27 Oct 2014, 09:27
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރަތަމަ ނުވަ މަސްދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ އެމުއްދަތައް ވުރެ 10.1 އިންސައްތަ އިތުރުވެއްޖެ އެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 901,004 ފަތުރުވެރީން ޒިޔާރަތްކޮށްފައި ވެއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ 818,275 ފަތުރުވެރީންނެވެ. އެހެންކަމުން އެއީ 10.1 އިންސައްތައިގެ އިތުރުވުމެކެވެ.
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން ޒިޔާރަތްކޮށްފައި ވާ ސަރަހައްދަކީ އޭޝިއާ އެވެ. އެއީ 450,296 ފަތުރުވެރީންނެވެ. އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 17.3 އިންސައްތައިގެ އިތުރުވުމެކެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރީން ޒިޔާރަތްކުރި ވިލާތު ސަރަހައްދުން 386,914 ފަތުރުވެރީން ރާއްޖެ ޒިޔާރަތްކޮށްފައި ވާއިރު އެއީ 1.6 އިންސައްތައިގެ އިތުރުވުމެކެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން އަންނަ ސީނުކަރަ (ޗައިނާ) އިން ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި 286,838 ޒިޔާރަތްކޮށްފައި ވާއިރު ސެޕްޓެމްބަރު މަހު އެކަނި ވެސް 34,425 ފަތުރުވެރީން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ. މަހުން މަހަށް ބަލާއިރު މިއީ 1.7 އިންސައްތައިގެ ދަށް އަދަދެކެވެ.
ސެޕްޓެމްބަރު މަހު އެކަނި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރީންގެ އަދަދު ވަނީ 95,114 އަށް އަރައިފައެވެ. އެއީ މިދިޔަ އަހަރުގެ އެ މަހު ރާއްޖެ ޒިޔާރަތްކުރި 92,298 ފަތުރުވެރީންނަށް ވުރެ 3.1 އިންސައްތަ އިތުރު އަދަދެކެވެ.