އަންކަރާ (އޮކްޓޯބަރ 27) : އދ. ގެ މުޅި މުއައްސަސާ އިސްލާޙު ކުރުމަށް ތުރުކީން ގޮވާލައިފި އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ އދ. އަކީ އެ ޖަމްއިއްޔާގެ މުޅި އޮނިގަނޑު ޒަމާނާ އެއްގޮތަށް އިސްލާޙު ކުރަންޖެހިފައިވާ މުއައްސަސާއެއްކަމަށާއި އދ. ގެ މިހާރުގެ އޮނިގަނޑު ޒަމާނަށް ނުފެތޭކަމުގައެވެ.

އދ. ގެ 69 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން އެ ޖަމްއިއްޔާއަށް ފޮނުއްވި ޚިތާބެއްގައި އުރުދުޣާން ވިދާޅުވީ އދ. ގެ މުޅިއޮނިގަނޑު ޒަމާނާ އެއްގޮތަށް އިސްލާޙު ނުކޮށް ދުނިޔޭގެ މައްސަލަތައް ޙައްލުކުރުމަށް އަދާކުރަންޖެހޭ ދައުރު ފުރިހަމަ ގޮތުގައި ނުކުރެވޭ މަންޒަރު ފެންނަމުންދާ ކަމުގަ އެވެ.

އދ. އަކީ ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ ނިމުމަށްފަހު އިތުރު ބޮޑުހަނގުރާމައަކަށް ދުނިޔެ ވެއްޓުނަ ނުދިނުމަށްޓަކައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން އިސްނަގައިގެން 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަދުވަހު ވުޖޫދަށް ގެނައި ބައިނަލްއަގްވާމީ އެންމެ ބޮޑު ޖަމްއިއްޔާ އެވެ.

މީގެ 69 އަހަރުކުރިން އުފެއްދި މި ޖަމިއްޔާއަކީ އެދުވަސްވަރު ދުނިޔޭގެ މައްސަލަތައް ޙައްލުކޮށް ބައިނަލްއަގްވާމީ އަމްނާއި ސުލްޙަ ގާއިމްކުރުމަށް އެކަށޭނަ ޖަމިއްޔާއަކަށް ވީނަމަވެސް މިހާރު ދުނިޔޭގެ ކަންކަމާއި ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވުމުން އދ. ގެ މުޅި އޮނިގަނޑަށާއި އދ. އާ ގުޅިފައިވާ ހުރިހާ މުއައްސަސާތަކަށް އިސްލާޙީ ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމަށް ވިދާޅުވެ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ވާހަކަ ދައްކަވަމުން ގެންދަވަ އެވެ.

އދ. ގެ 69 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ފޮނުއްވި ސިޓީގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ފާހަގަ ކުރައްވާފައިވަނީ މިމައްސަލަތަކެވެ. އެސިޓީގައި އުރުދުޣާން ވިދާޅުވެފައިވަނީ އދ. ގެ ހުރިހާ މުއައްސަސާއަކަށްވެސް އިސްލާޙު ގެންނަންޖެހިފައިވާ ކަމަށާއި ޚާއްސަކޮށް ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ނޫނީ ބައިނަލްއަގްވާމީ އަމްނާއި ސުލްޙަ އދ. އަށް ނުބެލެހެއްޓޭނެ ކަމުގަ އެވެ. މިގޮތުން ސަލާމަތީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުކުރުމާއި ވަކި ގައުމުތަކަކަށް ވީޓޯ ކުރުމުގެ ބާރު ލިބިދޭގޮތަށް އޮންނަ އެ މަޖިލީހުގެ ޚާއްސަ އިމްތިޔާޒުތައް އުވާލުމާއި ޑިމޮކްރަސީގެ އުސޫލަށް އދ. ގެ ކަންތައްތައް ބައްޓަން ކުރަންޖެހޭ ކަމަށް އުރުދުޣާން ވިދާޅުވެފައިވެ އެވެ. އަ

ސަލާމަތީ މަޖިލީހަކީ އެ މަޖިލީހުގެ މަސައްކަތްތަކާމެދު ސުވާލުކުރެވޭ އަދި ގައުމުތަކުގެ އަމިއްލަ މަސްލަހަތުން އެއްކިބާވެ ދެފުށް ފެންނަގޮތަށް މަސައްކަތްކުރާ މަޖިލީހަކަށް ހެދުމަށްވެސް އުރުދުޣާން އެދިވަޑައިގެންފައިވެ އެވެ.

އދ. ގެ އޮނިގަނޑު އިސްލާޙު ކުރުމާބެހޭގޮތުން ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ވާހަކަ ދައްކަވަމުން ގެންދަވާތާ ވިއްސަކަށް އަހަރު ވެފައިވީނަމަވެސް މިކަމާއިގެން ކުރިޔަށްދެވޭނެ އެއްވެސް މަގެއް އަދި ފެނިފައެއް ނުވެ އެވެ. އދ. އިސްލާޙު ކުރުމަށް ގޮވާލެވޭ ގޮވާލުންތަކަށް ސަމާލުކަން ނުދޭކަމުގެ ތުހުމަތު ކުރެވިފައިވަނީ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ޚާއްސަ ބާރުތަކެއް ލިބިފައިވާ ފަސްގައުމަށެވެ. މި ފަސްގައުމަކީ އެމެރިކާ، ރަޝިޔާ، ޗައިނާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތެވެ. މިގައުމުތަކުން އދ. ގެ އިސްލާޙަށް ހުރަސްއަޅަނީ އދ. ގެ މިހާރުގެ އޮނިގަނޑުގައި މިގައުމުތަކަށް ލިބިފައިވާ ޚާއްސަ ބާރުތަކާއި އިމްތިޔާޒްތަކަށް އުނިކަމެއް އަތުވެދާނެ ކަމުގެ ބިރު ހީވާތީ ކަމަށް ވަނީ ބެލެވިފަ އެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)