25 Jan 2011, 13:50
މުހައްމަދު ޝަނޫން
މިއަހަރުގެ އޭ އެފް ސީކަޕްގައި ވާދަކުރާ ވީބީގެ ޓީމުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ކުޅުންތެރިން މިއަދު ހަމަވާނެ ކަމަށް ޓީމުން ބުނެފި އެވެ.
ވީބީ ސްޕޯޓްސްގެ މެނޭޖަރ އިބްރާހީމް ރަޝީދު(ސަތޯ) ބުނީ އޭ އެފް ސީކަޕްގައި ކުޅުމަށް ރަޖިސްޓްރީކޮށްފައިވާ ދިވެހި 27 ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ޕްރެކްޓިހުގައި ބައިވެރިނުވަނީ މުހައްމަދު ހުސޭން(އޮއިއްޓޭ) ކަމަށެވެ.
"އޮއިއްޓޭ ކުޑަ އަނިޔާއެއްގައި ހުރުމުން މިހާތަނަށް ބައިވެރިނުވެ ހުރީ. ނަމަވެސް މިއަދު އޭނާވެސް ޕްރެކްޓިހަށް ނުކުންނަން ފަށާނެ." މިދިޔައަހަރުގެ ދިވެހިލީގާއި ޕްރެޒިޑެންޓްސްކަޕް ހޯދި ޓީމުގެ މެނޭޖަރ ބުންޏެވެ.
ސަތޯ ބުނީ ޓީމަށް ދިވެހި ކުޅުންތެރިއަކު އިތުރު ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް މިދިޔަ އަހަރުވެސް ކުޅުނު މުހައްމަދު ޝައްފާޒު(ސައްޕޭ) އަދިވެސް ގޮތެއް ނުނިންމާ ކަމަށެވެ.
"އޭނާއަށް ވީބީގެ ހުށަހެޅުން ހުށަހެޅިތާ ވަރަށް ދުވަސްވެއްޖެ. ނަމަވެސް އަދިވެސް ވަކި ގޮތެއް ނިންމި ކަމަކަށް އެނގިފައެއް ނެތް" ސަތޯ ބުންޏެވެ.
ސަތޯ ބުނީ މިދިޔައަހަރު ފުރަތަމަ ޑިވިޝަންގައި ކުޅުނު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން މިހާރު ވީބީއާއެކު ކޮންޓްރެކްޓް ހަދާފައިވާ ކަމަށާއި ނަމަވެސް އެދެކުޅުންތެރިން ޓީމާ ގުޅޭނީ ޖުލައިމަހުގެ ޓްރާންސްފާރ ޕީރިއަޑްގައި ކަމަށެވެ. "އެއް ކުޅުންތެރިއަކު މިވަގުތު އަނިޔާގައި ހުރީ. އަނެއް ކުޅުންތެރިޔާ އޮފީހުން ހޯދަން ޖެހޭ ހުއްދަތަކެއް ނުލިބޭތީ ތަންކޮޅެއް ފަހުން އެދެކުޅުންތެރިން ފެންނާނީ." މިވަގުތަށް އެ ކުޅުންތެރިންގެ ނަން ހާމަ ކުރަން އުޒުރުވެރިވަމުން ސަތޯ ބުންޏެވެ.
މިދިޔަ އަހަރު ވަރުގަދަ ސްކޮޑެއް އޮތް ވީބީއަށް ކުޅެން މިއަހަރު މަޝްހޫރު 6 ކުޅުންތެރިއަކު ވަނީ އެހެން ކްލަބްތަކުން ސޮައިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ވިކްޓަރީއަށް ކުޅުނު އިސްމާއީލް އީސާ(މެސީ)، ހަސަން އަދުހަމް، އިސްމާއީލް މުހައްމަދު އަދި މުހައްމަދު އާރިފް(ބަކާ) އެވެ. މީގެ އިތުރުން ނިއުއަށް ކުޅުނު ފަރުހާދު އިސްމާއީލާއި ވެލެންސިއާގެ ސަމްވީލު ގާސިމް(ބޮންޑާ)ވެސް މިއަހަރު ފެންނާނީ ވީބީގެ ޖާޒީގައެވެ.
ވީބީ އާއި ކުޅުންތެރިންތަކެއް ގުޅުނުއިރު މިދިޔަ ސީޒަންގައި އެޓީމުގެ ދިފާއު ބެލެހެއްޓި އަކްރަމް އަބްދުލް ޤަނީ އާއި މުހައްމަދު އުމައިރު ވަނީ މާޒިއާއަށް ބަދަލުވެފައެވެ. އަދި އަހްމަދު އަޝްފާން ވަނީ ވިކްޓަރީއަށް ސޮައިކޮށްފައެވެ.
ތުރުކީގެ ކޯޗު ކޭން ވަންލީގެ އިރުޝާދުގެ ދަށުން ވީބީ ފަރިތަ ކުރަމުންދާއިރު ބްރެޒިލްގެ ދެ ކުޅުންތެރިންނާއި ސެރަލިއޯންގެ އަބޫވެސް ޓީމާއެކު ދަނީ ފަރިތަ ކުރަމުންނެވެ.